Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 17:53
ޑަބްލިޔުއެޗްއޯ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. އަރްވިންދް މާތުރް
ޑަބްލިޔުއެޗްއޯ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. އަރްވިންދް މާތުރް
ރައީސް އޮފީސް
ބައިނަލްއަގްވާމީ އެއިޑްސް ދުވަސް
އެއިޑްސް ޖެހިފައިވާ މީހުންގެ ތެރެއިން ބަލި ހުރިކަން އެނގަނީ ކޮންމެ 4 މީހަކުން އެކަކަށް!
މި ފަހަރުގެ ބައިނަލްއަގްވާމީ އެއިޑްސް ދުވަހުގެ ޝިއާރަކީ "ނޯ ޔުއަރ ސްޓޭޓަސް"
ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެއިޑްސް ބަލި މީހުން މަދު ގައުމެއް

ދުނިޔޭގައި އެއިޑްސް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން، އެ ބަލި ހުރިކަން އެނގެނީ ކޮންމެ ހަތަރު މީހަކުން އެކަކަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު މާތުރް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އެއިޑްސް ދުވަހުގެ ޝިއާރު ކަމުގައިވާ "ނޯ ޔުއަރ ސްޓޭޓަސް" އާއި ގުޅިގެން ދިވެހިރާއްޖޭގައި އެއިޑްސްއަށް ޓެސްޓުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަރްވިންދު ވަނީ ރާއްޖެ އިން އެއިޑްސް ބައްޔާއި ދެކޮޅަށް ކުރާ މަސައްކަތަށް ތައުރީފުކޮށްފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެއިޑްސް ބަލި މީހުން މަދު ގައުމެއް ކަން ފާހަގަކުރައްވަމުން އެ ބޭފުޅާ ވިދާޅުވީ މިއީ މި ގައުމުގެ ސިއްހީ ހިދުމަތް ފޯރުވައިދޭ ތަންތަނާއި އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މަސައްކަތުގެ ނަތީޖާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް މި ގައުމުގައި ހިންގޭ ސިއްހީ ޕްރޮގްރާމްތަކަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ ދަތިކަން ކަމުގައި އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އެއިޑްސް ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ މައުލޫމާތު މުއްސަންދި ކުރުމާއި ހޭލުންތެރިކަން އިތުރު ކުރުން ކަމުގައި ވެސް ޑރ. އަރްވިންދް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއަކީ ބިދޭސީން ގިނަ ގައުމެއް ކަމަށާއި އެ މީހުންނަށް ވެސް ތަފާތުކުރުމެއް ނެތި ފަރުވާ ދެއްވެވުމަށް ވެސް އެބޭފުޅާ ގޮވާލެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުން ކުރާ މީހުންނަކީ މި ބަލި ޖެހުމުގެ ބިރު ބޮޑު މީހުންގެ ތެރެއިން ބަޔެއް ކަމަށް ވުމުން އެ މީހުން ޓެސްޓުކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގައި އެއިޑްސް ބަލި ތަހައްމަލު ކުރަމުންދާ 36.9 މިލިއަން މީހުން ދިރިއުޅެއެވެ. އަދި 2017 ވަނަ އަހަރު އެކަނިވެސް 1.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް