ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 11:51
އަލީ އަޝްފާގު (ދަގަނޑޭ)
އަލީ އަޝްފާގު (ދަގަނޑޭ)
އެފްއޭއެމް
ޓީސީ ސްޕޯޓްސް ކްލަބް
ޓީސީ އަށް ލީގު ހޯދުނީ ދަގަނޑޭ ހުރުމުން: ނިޒާމްބެ
ދަގަނޑޭ ވަނީ ޓީސީ އަށް 22 ލަނޑު ކާމިޔާބުކޮށްފައި

ޓީސީ ސްޕޯޓްސް ކްލަބަށް ދިރާގު ދިވެހި ޕްރިމިއާ ލީގު ހޯދުނީ އަލީ އަޝްފާގު (ދަގަނޑޭ) ހުރުމުން ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ، ކޮންމެ އަހަރަކުވެސް ޓީސީ އަށް އެންމެ ބޭނުންވަނީ ދަގަނޑޭ ކަމަށާއި، ލީގު ލިބުނީ ދަގަނޑޭ ޓީމުގައި ހުރުމުން ކަމަށެވެ.

ނިޒާމްބެ ބުނީ، ރާއްޖޭގެ ތާރީހުގައި ކުރު މުއްދަތެއްގައި ކްލަބެއް ތަށްޓެއް ހޯދިއްޔާ ހޯދާފައި އޮންނާނީ ރާއްޖޭގައި އެވަގުތެއްގައި ތިބި ހުރިހާ މޮޅު ކުޅުންތެރިން ހިމަނައިގެން ކަމަށާއި، އެހެންނަމަވެސް ކޮންމެ އަހަރަކުވެސް ދެވަނައިގައި ހިފަހައްޓަމުން އައިސް ޓީސީން ލީގު ނެގީ އެންމެ ކުޅުންތެރިޔާއާއެކު ކަމަށެވެ.

"ރާއްޖޭގައި ތާރީހުގައި ކްލަބެއް ކުރު މުއްދަތެއްގައި ތަށްޓެއް ހޯދިއްޔާ ހޯދާފައި އޮންނާނީ ރާއްޖޭގައި އެވަގުތެއްގައި ތިބޭ ހުރިހާ މޮޅު ކުޅުންތެރިން އެޓީމަކަށް އައިސްގެން. އެކަމަކު ޓީސީ ފެށުނީއްސުރެ ދެވަނައިގައި ކޮންމެ އަހަރަކުވެސް ހިފަހައްޓަމުން އައިސް މި އަހަރު ހަމައެކަނި މަދުވާ ކަންތައް އަލީ އަޝްފާގު ހިމަނާލެވުނީ. އަލީ އަޝްފާގާ އެކު ކާމިޔާބު ހޯދީ" ނިޒާމްބެ ބުނިއެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) - ފޮޓޯ: އެފްއޭއެމް

ދަގަނޑޭ ވަނީ ލީގުގައި ޓީސީ އަށް 22 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބަށް ގިނަ ލަނޑުތަކެއް ޖެހުމަށްވެސް އެހީތެރިވެދީފައެވެ. އޭނާ ވަނީ މި ސީޒަނުގައި 40 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދަގަނޑޭގެ ފުޓުބޯޅަ ކެރިޔަރު 2001 ވަނަ އަހަރު ފެށި ފަހުން މިހާތަނަށް ބޭއްވުނު ދިވެހި ލީގުގެ 16 މުބާރާތުގެ ތެރެއިން 13 ތަށި އޭނާ ހޯދާފައިވާއިރު، ޓީސީއާއެކު އޭނާ ހޯދި ކާމިޔާބީއާއެކު ވެގެން ގޮސްފައިވަނީ ތަފާތު ފަސް ކްލަބެއްގައި ހުރެ މި ލީގު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އެގޮތުން އޭނާ ވަނީ ކްލަބް ވެލެންސިއާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއެކު މީގެ ކުރިން ލީގު ކާމިޔާބުކޮށްފައެވެ.

ޓީސީން ލީގުގެ އައްޑަނަ އުފުލާލުން - ފޮޓޯ: އެފްއޭއެމް

ޓީސީގެ އުމުރުން އަދި ވަރަށް ޅަ ކަމަށް ފާހަގަކުރަމުން ނިޒާމްބެ ބުނީ ލީގުގެ ދެވަނަ ލިބުނު ނަމަވެސް މާޔޫސްވާން ނުޖެހޭ ކަމަށާއި، ޅަފަތުގައި ޓީސީ އަށް މިފަދަ ކާމިޔާބެއް ލިބުމަކީ ކްލަބް އިތުރަށް ހަރުދަނާކޮށް، ކްލަބްގެ މުސްތަގުބަލަށް މަސައްކަތް ކުރަންޖެހޭ ބޮޑު ފިޔަވަޅެއް ގޮތުގައި ދެކޭ ކަމަށެވެ.

ނިޒާމްބެ ބުނީ މި އަހަރު ޓީސީގެ ޓާގެޓަކީ އާ ހަތަރު ކުޅުންތެރިން ނެރެ، އެ ހަތަރު ކުޅުންތެރިންނަކީ ފުރަތަމަ 11 ގައި ކުޅެވޭ ހަތަރު ކުޅުންތެރިންނަށް ހެދުން ކަމަށާއި، އެހެންނަމަވެސް ހަތް ކުޅުންތެރިން ނެރެ، އެ ހަތް ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބެއްގައިވެސް ބޭނުންކުރެވޭ ފެންވަރަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.

"ޓީސީގެ އުމުރުން އަދި ވަރަށް ޅަ. ދެވަނަ ލިބުނު ނަމަވެސް މާޔޫސް ނުވާނެ. މިއީ ޓީސީ އިތުރަށް ހަރުދަނާ ކޮށް ކްލަބުގެ މުސްތަގުބަލަށް މަސައްކަތް ކުރަންޖެހޭ ބޮޑު ފިޔަވަޅެއް" ނިޒާމްބެ ބުނިއެވެ.

ޓީސީން ލީގުގެ އައްޑަނަ އުފުލާލުމުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

މި އަހަރު ޓީސީ އަށް ލީގު ލިބުމަކީ ބޯނަސްއެއްކަން ފާހަގަކުރަމުން ނިޒާމްބެ ބުނީ، ލިބިފައި ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޓީސީ ވާނީ މިފަހަރު ދެވަނަ އަށް އެންމެ ކުޑަކޮށް ހަރަދު ކުރި ކްލަބަށް ކަމަށާއި، މިކަމުންވެސް ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން އެނގިގެންދިޔަ ކަމަށެވެ.

އެގޮތުން ނިޒާމްބެ ބުނީ، މިދިޔަ ތިން އަހަރުވެސް ޓީސީ އެއްވާނެގައި، އެއް ފެންވަރެއްގައި ހިފެހެއްޓުނީ ކްލަބުގެ މެނޭޖްމަންޓުން ގެންގުޅުނު އުސޫލުތަކުން ކަމަށެވެ. އަދި މެނޭޖްމަންޓުން ކުޅުންތެރިންނާމެދު ބަހައްޓާ ގާތް ކަމާއި، ޓީސީގެ ކުޅުންތެރިން އެންމެން އެކީގައި ކުރި ބުރަ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ.

"ޓީސީ އަކީ ދެވަނަ އަށް އެންމެ މަދުން ހަރަދުކުރި ކްލަބް. އެއީ ތަފާސް ހިސާބަށް ބަލާފައި. ފަހަރެއްގައި ދޮގަކަށްވެސް ވެދާނެ. ޓީސީގެ ފެންވަރު ހިފެހެއްޓުނީ މެނޭޖްމަންޓުން ކުރާ މަސައްކަތުން. ޓީސީގެ މެނޭޖްމަންޓުން ކުޅުންތެރިންނާމެދު ބަހައްޓާ ގާތްކަން ފާހަގަކުރަންޖެހޭ" ނިޒާމްބެ ބުނިއެވެ.

ޓީސީން ޝައިހް ކަމާލް ކަޕް އުފުލާލުން 

މިއީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާތާ ހަތަރު އަހަރުވެފައިވާ ޓީސީން ފުރަތަމަ ޑިވިޝަންގެ ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ. ޓީސީ ވަނީ މީގެ ކުރިން ދެ ފަހަރު ލީގުގެ ދެ ވަނަ ހޯދާފައެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް އެޓީމު ވަނީ ކުޅެފައެވެ.

ރާއްޖޭގައި މިހާތަނަށް ޓީސީ ވާދަކުރި މުބާރާތްތަކަށް ބަލާއިރު ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތަކުން ލިބުނީ ދެ ވަނަ އެވެ. އެ ޓީމަށް ލިބުނު ހަމައެކަނި ތަށްޓަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް