ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 19:39
ލަނޑު ޖެހުމަށްފަހު ބަޔާންގެ ރޮބެން އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ބަޔާންގެ ރޮބެން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބެންފީކާ ބަލިކޮށް ބަޔާން ގަދަ 16 އަށް
ބެންފީކާގެ މައްޗަށް ބަޔާން ކުރިހޯދީ 1-5 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބެންފީކާ ބަލިކޮށް ބަޔާން މިއުނިކް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް އީގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ބެންފީކާއާ ވާދަކޮށް 1-5 ގެ ނަތީޖާއަކުންނެވެ.

ބަޔާން ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާޔަން ރޮބެންއެވެ.

މި ލަނޑަށްފަހުވެސް ބަޔާނުން ދިޔައީ ބެންފީކާގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 30 ވަނަ މިނެޓުގައި ރޮބެން ކާމިޔާބުކުރި އިތުރު ލަނޑަކުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ބަޔާންގެ ތިންވަނަ ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރޮބާޓް ލެވެންޑޯސްކީއެވެ. އޭނާ އަށް މިހާފްގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. މި ހާފްގައި މަދުން ނަމަވެސް ބެންފީކާ އަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ބެންފީކާގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މިނެޓެއް ތެރޭގައި ބެންފީކާ އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓިމަށް ކާމިޔާބުކޮށްދިނީ ގެންޑްސަން ފެނާންޑޭޒްއެވެ.

އެހެންނަމަވެސް 51 ވަނަ މިނެޓުގައި ލެވެންޑޯސްކީ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ބަޔާންގެ ފަސްވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފްރޭންކް ރިބެރީއެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބެންފީކާ އޮތީ ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ބެންފީކާ އަށް ޔޫރޮޕާ ލީގުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ.

މި ގްރޫޕްގައި ހިމެނޭ އެތެންސް އާއި އަޔަކްސް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އަޔަކްސްއެވެ. މި ނަތީޖާއާއެކު އަޔަކްސް ވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހަމަކޮށް ގްރޫޕްގެ ދެވަނައާއެކު ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މެޗުން ބަލިވި އެތެންސް އަށް ޕޮއިންޓެއް ލިބިފައިނުވާއިރު، އެޓީމު އޮތީ ގްރޫޕްގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް