ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 09:00
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޗެލްސީގެ މައްޗަށް ޓޮޓެންހަމް ކުރިހޯދިއިރު، ސިޓީ އަށް ބޮޑު މޮޅެއް
ޗެލްސީގެ މައްޗަށް ޓޮޓެންހަމް ކުރިހޯދީ 1-3 ގެ ނަތީޖާއަކުން
ސިޓީ މޮޅުވީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން

ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް ޓޮޓެންހަމް ހޮޓްސްޕާ ކުރިހޯދިއިރު، މެންޗެސްޓާ ސިޓީ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީގެ މައްޗަށް ޓޮޓެންހަމް ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާއެކު ޑެލެއަލީއެވެ.

މި ލަނޑަށްފަހުވެސް ޓޮޓެންހަމް އިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 18 ވަނަ މިނެޓުގައި އެރިކްސަންގެ އެހީތެރިކަމާއެކު ހެރީ ކޭން ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފްގައި ޗެލްސީ އަށް ވަނީ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވެފައެވެ. އެގޮތުން އެޓީމަށް މާ އެދެވޭ ހަމަލާތަކެއްވެސް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޗެލްސީގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޓޮޓެންހަމް އެވެ. އެގޮތުން 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޑެލެއަލީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސޮންއެވެ.

މެޗުގައި ޗެލްސީގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 85 ވަނަ މިނެޓުގައި އަޒްޕިލިކުއެޓާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އޮލިވާ ޖިރޫއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ 13 މެޗުން 30 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ޗެލްސީ ވަނީ 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ވެއްޓިފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ވެސްޓްހޭމް ޔުނައިޓެޑާ ވާދަކޮށް 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ވެސްޓްހޭމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން 19 ވަނަ މިނެޓުގައި ލީރޯއި ސާނޭގެ އެހީތެރިކަމާއެކު ރަހީމް ސްޓާލިން ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޓާލިންގެ އެހީތެރިކަމާއެކު ސާނޭ ވަނީ ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ވެސްޓްހޭމްގެ މައްޗަށް ސީޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސްޓްހޭމް އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން އެޓީމުން ރަނގަޅު ޑިފެންސެއްކޮށް ސިޓީގެ ގިނަ ހަމަލާތައް މި ހާފުގައި ދިފާއުކުރިއެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގައެވެ. މި ލަނޑޫ ގެބްރިއަލް ޖީސަސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާނޭއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވެސްޓްހޭމް އޮތީ ކުޅުނު 13 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް