ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 09:53
މާޒިޔާ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: އަސައްކޮގެ ހެޓްރިކާއެކު ފޯކައިދޫ އަތުން މާޒިޔާ އަށް ބޮޑު މޮޅެއް
މާޒިޔާ އޮތީ ލިބުނު 34 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި
ފޯކައިދޫ އޮތީ ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ހެޓްރިކާއެކު ށ.ފޯކައިދޫ އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބޮޑު މޮޅެއް ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ފޯކައިދޫއާ ވާދަކޮށް މާޒިޔާ އިން ކާމިޔާބުކުރީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 14 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަންއެވެ.

މި ލަނޑަށްފަހުވެސް މާޒިޔާ އިން ދިޔައީ ފޯކައިދޫގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 21 ވަނަ މިނެޓުގައި އަސައްކޮ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑަކީ ފޯކައިދޫގެ އަހުމަދު ޝަމާލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ފޯކައިދޫގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

 

މާޒިޔާ އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ އަސަދުﷲ އަބްދުﷲ (އަސައްކޮ) - ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ މާޒިޔާ އިންނެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ހަމަލާ އުފައްދާ، ފޯކައިދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

މާޒިޔާގެ ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަސައްކޮއެވެ. އޭގެ ތިން މިނެޓު ފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް އަސައްކޮ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއެކު މާޒިޔާ އޮތީ ކުޅުނު 14 މެޗުން ލިބުނު 34 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ފޯކައިދޫ އޮތީ 14 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް