ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 21:40
ޗެލްސީ އަށް ކުޅެމުން އަންނަ އެންގޯލޯ ކަންޓޭ
ޗެލްސީ އަށް ކުޅެމުން އަންނަ އެންގޯލޯ ކަންޓޭ
ސްކައި ނިއުސް
އެންގޯލޯ ކަންޓޭ
ހަފްތާއަކު 290،000 ޕައުންޑު ލިބޭ ގޮތަށް ކަންޓޭ އެއްބަސްވުން އާކުރަނީ!
ކަންޓޭ އެއްބަސްވުން އާކުރަނީ ފަސް އަހަރަށް

ހަފްތާއަކު 290،000 ޕައުންޑު ލިބޭ ގޮތަށް އެންގޯލޯ ކަންޓޭ ޗެލްސީގެ އެއްބަސްވުން އާކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީއާއެކު އުމުރުން 27 އަހަރުގެ ކަންޓޭ އެއްބަސްވުން ހެދުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށެވެ. މި އެއްބަސްވުމާއެކު ކަންޓޭ ވެގެންދާނީ ޗެލްސީގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.  

ކަންޓޭ މިހާރު ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހަފްތާއަކު 150,000 ޕައުންޑު ލިބޭއިރު، އެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

ކަންޓޭ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅާއިރު، އޭނާ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބެލެވޭގޮތުގައި ޗެލްސީން ހުށަހެޅާ އާ އެއްބަސްވުން ގަބޫލުކޮށް ކަންޓޭ އެ ކްލަބުގައި މަޑުކުރާނެއެވެ. އަދި މި ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ނުބެލެވެއެވެ.

ލެސްޓާ ސިޓީއާއެކު 2016 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ކަންޓޭ ވަނީ އެ އަހަރު އެ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި އޭނާ ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އެ ސީޒަނުގައި ހޯދާފައެވެ.

ކަންޓޭ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 105 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕް ފްރާންސް އަށް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއްވެސް އަދާކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް