ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 13:02
އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޓިމް ކެހިލް
އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޓިމް ކެހިލް
ޓްވިޓަރ
ޓިމް ކެހިލް
ޓިމް ކެހިލް: 15 އަހަރަށްފަހު އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ކެހިލް އަކީ އޮސްޓްރޭލިއާ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

އިންޑިއާގެ ޖަމްޝޭދްޕޫރް އަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ ޓީމް ކެހިލް 15 އަހަރަށްފަހު އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އޮސްޓްރޭލިއާ ޓީމަށް ކެހިލް ކުޅުން ހުއްޓާލީ އަންގާރަ ދުވަހުގެ ރޭ ލެބްނާންއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗަށްފަހުއެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ކެހިލް ކުޅެން އަރާފައިވާއިރު، މެޗުން އޮސްޓްރޭލިއާ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އޮސްޓްރޭލިއާގެ މާޓިން ބޮއިލް ދެ ލަނޑު ޖެހިއިރު، މަތިއު ލެކީވެސް ވަނީ ލަނޑެއް ޖަހާފައެވެ.

މެޗަށްފަހު ލޮލުން ކަރުނަ އޮހެމުންދިޔަ ކެހިލް ބުނީ އޮސްޓްރޭލިއާ ޓީމަށް ކުޅުނީ ވަރަށް އުފަލާއެކު ކަމަށާއި، ސަޕޯޓަރުންނާއި މުޅި ޓީމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޮސްޓްރޭލިއާ ޓީމަށް 50 ލަނޑު ކާމިޔާބުކޮށްދީފައިވާ ކެހިލް އަކީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ގައުމީ ޓިމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

އޮސްޓްރޭލިއާ ޓީމަށް 108 މެޗު ކުޅެފައިވާއިރު، އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު އޮތީ 109 މެޗާއެކު ކީޕަރު މާކް ޝްވާޒާ އަތުގައެވެ.

މީގެކުރިން އެވަޓަން އަށް ވެސް ކުޅެފައިވާ ކެހިލް އަކީ އޮސްޓްރޭލިއާ އަށް ފުރަތަމަ ވާރލްޑް ކަޕް ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. 2006 ވަނަ އަހަރު ބޭއްވުނު ވާރލްޑް ކަޕްގައި ކެހިލް ލަނޑު ޖެހީ 1-3 ގެ ނަތީޖާއިން ޖަޕާން އަތުން އޮސްޓްރޭލިއާ މޮޅުވި މެޗުގައެވެ.

އޮސްޓްރޭލިއާ ޓީމަށް 2015 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕް ހޯދައިދިން ކެހިލް ވަނީ އޯއެފްސީ ނޭޝަންސް ކަޕް 2004 ވަނަ އަހަރު އެޓީމަށް ކާމިޔާބުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް