ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 19:25
ރައީސް ސޯލިހުގެ ޓީމު އަދި ގާސިމްގެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
ރައީސް ސޯލިހުގެ ޓީމު އަދި ގާސިމްގެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ދުޅަހެޔޮ ހަށިހެޔޮ އީދު
ރައީސް ސޯލިހު އަދި ގާސިމްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ
ރައީސް އިބޫގެ ޓީމު އަދި ގާސީމްގެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިން

އާއްމުންނަށް ހުޅުވާލައިގެން "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ކުޅިވަރުގެ ބޮޑު ހަރަކާތުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. ގިނަ ބައެއްގެ ނަޒަރު ހުއްޓުނު މި މެޗުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ކުޅުއްވިއެވެ.

އެގޮތުން ރައީސް ސޯލިހުގެ ކެޕްޓަން ކަމުގެ ދަށުން ނިކުތް ޓީމުގައި ހިމެނިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާންގެ އިތުރުން ބައެއް ވަޒީރުންނާއި، މަޖިލިސް މެމްބަރުން އަދި ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީގެ ބައެއް އިސް ބޭފުޅުން ކުޅުއްވިއެވެ.

ގާސިމުގެ ކެޕްޓަންކަމުގެ ދަށުން ނިކުތް ޓީމުގައި ހިމެނިގެން ނާއިބް ރައީސް ފައިސަލް ނަސީމް އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އިތުރުން ބައެއް ވަޒީރުންނާއި، މަޖިލިސް މެމްބަރުން އަދި ގުޅިފައިވާ ސީޔާސީ ހަތަރު ޕާޓީގެ ބައެއް އިސް ބޭފުޅުން ކުޅުއްވިއެވެ.

މި މެޗުގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޓީމު ވެސް ވަނީ މެޗެއް ކުޅެފައެވެ.

އެގޮތުން ފުރަތަމަ މެޗުގައި 19 އަހަރުން ދަށުގެ ފިރިހެން ޓީމު ދެ ބަޔަކަށް ބަހާލައިގެން ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ދެވަނަ މެޗުގައި 19 އަހަރުން ދަށުގެ އަންހެން ޓީމު ވެސް ދެ ގްރޫޕަށް ބަހާލައިގެން މެޗެއް ކުޅެފައިވާ އިރު، ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މީގެއިތުރުން ދެ ބަޔަކަށް ބަހާލައިގެން ލެޖެންޑުންނާއި، ވެޓްރެންސް ކުޅުންތެރިންގެ ހާއްސަ މެޗެއް ވެސް ވަނީ ކުޅެފައެވެ. އެގޮތުން މި މެޗުތަކުގައި ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.  

މިއީ ދުޅަހެޔޮ ހަށިހެޔޮ އީދު ފެސްޓިވަލްގެ ދަށުން ކުރިޔަށް ދިޔަ އެންމެ ފަހުގެ ހަރަކާތްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް