ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 11:14
އިންގްލޭންޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
އިންގްލޭންޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޔުއެފާ ނޭޝަންސް ލީގު
ނޭޝަންސް ލީގު: ކްރޮއޭޝިއާ ރެލިގޭޓްވިއިރު، އިންގްލޭންޑް ދެވަނަ ބުރަށް
ކްރޮއޭޝިއާގެ މައްޗަށް އިންގްލޭންޑް ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ ރެލިގޭޓްވިއިރު، އިންގްލޭންޑް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އިންގްލޭންޑް ދެވަނަ ބުރުން ޖާގަ ހޯދީ އާދީއްތަ ދުވަހުގެ ރޭ 1-2 ގެ ނަތީޖާއިން ކްރޮއޭޝިއާ ބަލިކުރުމަށް ފަހުއެވެ.

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ އެ ޓީމުންނެވެ. އެގޮތުން ބޯޅަ ކޮންޓްރޯލްކޮށް އެޓީމުން ދިޔައީ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފްގައި ކްރޮއޭޝިއާ އިން ވެސް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައިވާއިރު، ލަނޑު ޖެހުމަށް ވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ކްރޮއޭޝިއާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވްލަސިކްގެ އެހީތެރިކަމާ އެކު ކްރަމަރިކްއެވެ.

މި ލަނޑަށް ފަހު ވެސް ކްރޮއޭޝިއާ އިން ދިޔައީ އިންގްލޭންޑްގެ ހާފަށް ބާރު ބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ. އެގޮތުން ލީޑު ފުޅާކުރުމަށް ވެސް އެޓީމަށް ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

އިންގްލޭންޑުން ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑްއެވެ. އެޓީމުން ލީޑު ނެގީ 85 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ގްރޫޕްގައި ހިމެނޭ ހުރިހާ މެޗެއްގެ ވަނީ ކުޅެ ނިމިފައެވެ. ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެން އިންގްލޭންޑް ދެވަނަ ބުރުން ޖާގަ ހޯދިއިރު، ދެވަނަ ލިބުނީ ހަ ޕޮއިންޓާއެކު ސްޕެއިން އަށެވެ. ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ފުލަށް ދިޔަ ކްރޮއޭޝިއާ ވަނީ ރެލިގޭޓްވެފައެވެ.

ޔުއޭފާއަށް ނިސްބަތްވާ 55 ޓީމެއް އެ ޓީމެއްގެ ގިންތިއަށް ބެލުމަށްފަހު ވަނީ 4 ލީގަކަށް ބަހާލެވިފައެވެ. ގުރޫޕް އޭ ގައި ހިމެނެނީ ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމްތަކެވެ. އަދި ގުރޫޕް ޑީގައި ހިމެނެނީ އެންމެ ދަށުން ގިންތި ކުރެވިފައިވާ ޓީމުތަކެވެ.

ލީގް ބީ، ސީ، އަދި ޑީގެ ގުރޫޕްތަކުން އެއްވަނައަށް ދާ ޓީމްތަކަށް ޕްރޮމޯޝަން ލިބޭއިރު ލީގް އޭ، ބީ، އަދި ސީގެ ގުރޫޕްތަކުގެ އެންމެ ފުލުގައި އޮންނަ ޓީމްތައް ރެލިގޭޓް ވާނެއެވެ. 2019 ވަނަ އަހަރުގެ ޖޫން މަހު ލީގް އޭ ގެ ހަތަރު ގުރޫޕުން އެއްވަނަ ހޯދާ ޓީމްތައް ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލްތަކުގައި ވާދަކުރާނެއެވެ. މިގޮތުން ދެ ސެމީ ފައިނަލަކާއި ތިންވަނަ ހޮވާ މެޗެއްގެ އިތުރުން ފައިނަލް މެޗެއް ކުޅެވިގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް