ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 03:24
ރައްޔިތުންގެ މަޖިލީސް ޖަލްސާ
ރައްޔިތުންގެ މަޖިލީސް ޖަލްސާ
ޕީޕަލް މެގަޒިން
މަޖިލީސް ޖަލްސާ
65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާހު ބާތިލް ކުރުމުގެ ބަހުސް ހޯމަ ދުވަހު!
ޖަލްސާ ފަށާނީ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރު
ބަޖެޓަށް ބަހުސް ކުރުމަށް ވެސް އެޖެންޑާ ކޮށްފައިވޭ

65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާހު ބާތިލް ކުރުމުގެ ބިލަށް ބަހުސް ކުރުމަށް ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާގައި އެޖެންޑާކޮށްފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރަށް ޖަލްސާ އެޖެންޑާކޮށްފައިވާއިރު އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.

ފަލާހު ބައެއް މީޑީއާތަކުގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އެ ބަދަލު ބާތިލު ކުރަން ހުށަހަޅާފައިވަނީ ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައި ނެތުމުން ކަމަށެވެ.

ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި ފަސް ދޮޅަސް ފަސް އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިސްލާހު ފާސްކުރީ 78 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ގާނޫނު އަސާސީއަށް ގެނައި އެ ބަދަލާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

މީގެ އިތުރުން ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު ހުށަހެޅުއްވި ބަޖެޓްގައިވާ ގޮތުން، 2019 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23 ބިލިއަން ރުފިޔާއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 16.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކުރެވޭ 5.6 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ އެއް ބިލިއަން ރުފިޔާއެވެ.

އެއީ ޓްރަސްޓް ފަންޑްތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ ހިމަނައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ޖުމްލަ އާމްދަނީ ކަމަށް ބަޖެޓް ފޮތުގައިވެއެވެ. ބަޖެޓްގެ ޚަރަދުގެ ގޮތުގައި 26.7 ބިލިއަން ރުފިޔާ ހިމެނޭ އިރު، ލޯނު ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

- ކޮމެންޓް