ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 18:38
އޭއެފްސީ ކަޕުގެ މެޗެއްގެ ތެރެއިން
އޭއެފްސީ ކަޕުގެ މެޗެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އޭއެފްސީ ކަޕް
އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިއްޖެ
މުބާރާތުގައި ބައިވެރި ނު ވެވުނީ ލިޔެކިޔުން ހަމަކުރެވިފައި ނުވާތީ

އޭއެފްސީގައި ކްލަބްތައް ރަޖިސްޓްރީކުރަން ދިން މުއްދަތުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ރާއްޖޭގެ ކްލަބްތަކުން އެކަން ކޮށްފައި ނުވާތީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިއްޖެއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އޭއެފްސީން ދިން މުއްދަތުގައި، އޭއެފްސީގެ ކްލަބް ލައިސަންސިން އެޑްމިނިސްޓްރޭޝަން ސިސްޓަމުގައި ރާއްޖޭގެ ކްލަބްތަކަށް ލައިސަންސް ލިބޭ ވަރަށް ލިޔެކިޔުން ހަމަކުރެވިފައި ނުވެއެވެ.

އެގޮތުން ސިސްޓަމްގައި އަލުން ލިޔެކިޔުން ފޮނުވުމުގެ މުއްދަތު އިތުރުކޮށްދޭން އެފްއޭއެމުން އޭއެފްސީގައި އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތްކަމަށް އޭއެފްސީން ވަނީ އެފްއޭއެމް އަށް އަންގާފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މިދިޔަ ދެ އަހަރުގައި ވެސް އޭއެފްސީ މުބާރާތްތަކުގައި ރާއްޖެ ކުޅުނީ ކްލަބް ލައިސަންސިން ސިސްޓަމްގެ ތެރެއިން ލިޔެކިޔުންތައް ފޮނުވައިގެން ކަމަށާއި، އެކަމަކު މި ފަހަރު އޭއެފްސީގެ މިންގަނޑުތަކަށް ފެތޭވަރަށް ކްލަބްތަކަށް ލިޔެކިއުންތައް ހަމަކޮށް ސިސްޓަމަށް ނޭޅުނީ ކަމަށް ވިދާޅުވި އެވެ.

އޭއެފްސީން ވަނީ އޭއެފްސީ ކަޕްގެ ފޯމެޓަށް 2016 ވަނަ އަހަރު ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ ދެ ޒޯނަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާ ގޮތަށެވެ. އޭގެ ފަހުން މުބާރާތުގައި ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރަނީ މި ސަރަހައްދުގެ ޓީމުތަކަށް ހާއްސަކޮށްފައި އޮތް ގްރޫޕުގަ އެވެ.

އޭއެފްސީ ކަޕަކީ 2004 އިން ފެށިގެން ރާއްޖެއިން ވާދަކުރަމުން އަންނަ މުބާރާތަކަށްވާއިރު، މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތަކާ ކުޅެ މި މުބާރާތުގައި ރަނގަޅު ކާމިޔާބު ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް