ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 19:11
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)
ރާއްޖެއެމްވީ
މުހައްމަދު ނިޒާމް
ވަގުތު އޮއްވާ ކުރިޔަށް އޮތް ސީޒަނުގެ ކަލަންޑަރު ލިބެންޖެހޭ: ނިޒާމްބެ
ކަލަންޑަރު ލިބެނީ އެންމެ ފަހުވަގުތު

ވަގުތު އޮއްވާ ކުރިޔަށް އޮތް ސީޒަނުގެ ފުޓުބޯޅަ ކަލަންޑަރު ކްލަބްތަކަށް ލިބެންޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިޒާމްބެ ވިދާޅުވީ، ސީޒަންގެ މިހާ ހިސާބަށް އަންނައިރު ކުރިޔަށް އޮތް ސީޒަނުގެ ކަލަންޑަރު ލިބެން ޖެހޭ ކަމަށާއި، އެހެންނަމަވެސް އަބަދުވެސް ސީޒަން ކަލަންޑަރު ކްލަބްތަކަށް ލިބެނީ އެންމެ ފަހުވަގުތު ކަމަށެވެ.

އެގޮތުން ނިޒާމްބެ ބުނީ ކްލަބްތަކުން މިހާރުން ފެށިގެން އަންނަ އަހަރަށް ތައްޔާރުވާން ޖެހޭ ކަމަށާއި، ކްލަބަށް ގެންނާނެ ކުޅުންތެރިންނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުވެސް ތައްޔާރުކޮށް ނިމެން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް ނިޒާމްބެ ބުނީ، ކަލަންޑަރު ލިބުން ލަސްވުމުން ކްލަބްތަކަށް ބޮޑު ގެއްލުމެއް އަބަދުވެސް ލިބޭ ކަމަށާއި، ކްލަބްތައް މެނޭޖު ކުރަންވެސް ގިނަ ފަހަރު ދަތިވަނީ މިފަދަ ސަބަބުތައް މެދުވެރިވާތީ ކަމަށެވެ.

ނިޒާމްބެ ބުނީ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް މިފަހަރު ބަދަލުތައް ގެންނަން ޖެހުނީ ހަމައެކަނި ޖުލައި 26 ނުވަތަ ނޮވެމްބަރު 11 ފަދަ ދުވަސްތަކާ ގުޅިގެން ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެ ދުވަސްތަކަކީ ކޮންމެ އަހަރަކާވެސް ކުރިމަތިލާއިރު އަންނާނެކަން އެނގޭ ދުވަސްތައް ކަމަށެވެ. އަދި އެއީ ކުއްލިއަކަށް އަންނަ ދުވަސްތަކެއް ނޫން ކަމަށްވެސް ނިޒާމްބެ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ނިޒާމްބެ ބުނީ ކުރިޔަށްވުރެ ފަސޭއިން އިންޓަނޭޝަނަލް ބްރޭކްތަކާއި، އެހެނިހެން ހަރަކާތްތައް އޮންނަ ދުވަސްތައް މިހާރު އެނގޭ ކަމަށާއި، ދުރާލާ ވިސްނައިގެން ކަލަންޑަރުވެސް ތައްޔާރުކޮށް ނިންމަން ޖެހޭ ކަމަށެވެ.

މިއަހަރު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އެތައް ފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޗެރިޓީ ޝީލްޑް މެޗާއި، އެފްއޭކަޕް މުބާރާތް އަދި ޕްރެޒިޑެންޓްސް ކަޕްވެސް ނުބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް