ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 19:46
ރައީސް ސޯލިހު (ކ) އަދި ކުރީގެ ރައީސް ނަޝީދު (ވ)
ރައީސް ސޯލިހު (ކ) އަދި ކުރީގެ ރައީސް ނަޝީދު (ވ)
ޓްވިޓަރ
ދުޅަހެޔޮ ހަށިހެޔޮ އީދު
ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
ރައީސް ސޯލިހުގެ ޓީމުގައި ޝައިހް އިމްރާން ހިމެނިވަޑައިގަންނަވާ
ގާސިމްގެ ޓީމުގައި އިންތިހާބީ ނައިބްރައީސް ފައިސަލް ހިމެނިވަޑައިގަންނަވާ

އާއްމުންނަށް ހުޅުވާލައިގެން "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ ބޮޑު ހަރަކާތުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޓީމެއް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ ހޯމަ ދުވަހު ކުޅޭ މެޗުގައި ރައީސް ސޯލިހު އަދި ގާސިމްގެ ޓީމުގައި ސިޔާސީ ގިނަ ބޭފުޅުން ހިމެނެއެވެ.

އެގޮތުން ގުރު ލައިގެން ހޮވި ރައީސް ސޯލިހު ޓީމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ގާސިމްގެ ޓީމުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑާޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ރައްޔަތުންގެ މަޖިލިސްގެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސޯލިހު ޓީމުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން - ފޮޓޯ: ޓުވިޓާ

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަކީ އާ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، ދަނޑުތައް ފުރާލާނެ ކަމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް މި މެޗު ވެގެންދާނީ ފެށުމަކަށް ކަމަށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، މިކަމަކީ ތަފާތު ވިސްނުންތައް އެއްގޮތްކޮށް، އެއްބައިވަންތަކަން އާލާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި، މިއީ ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޝައިހް އިމްރާން ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން އާ ސަރުކާރުން ކުޅިވަރަށްދޭ އިސްކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށާއި، އެންމެންގެ އެއްބާރުލުމާއެކު ރާއްޖޭގެ ކުޅިވަރު އާ އުސްމިނަކަށް އާ ސަރުކާރުން ގެންގޮސްދޭނެ ކަމަށެވެ.

 
ގާސިމް އިބްރާހިމް ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން - ފޮޓޯ: ޓުވިޓާ

ހޯމަ ދުވަހު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ބުދަ ދުވަހު ދެޓީމުން ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވާއިރު، މެޗު ކުޅޭ ޖާޒީތައްވެސް ވަނީ ހަވާލުކޮށްފައެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތް ކުރިޔަށް ދާނީ އަންނަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ.

އެގޮތުން މި ހަރަކާތުގައި ކުދިބޮޑު ހުރިހާ ދިވެހި ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ބައިވެރިވެވޭއިރު ރާއްޖޭގެ 17 ކުޅިވަރު އެސޯސިއޭޝަނަކާއި 15 ޖަމިއްޔާއަކުން މި ފެސްޓިވަލުގައި ބައިވެރިވާނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
14 ނޮވެންބަރ 2018 | ބުދަ 23:44
ރައްޔިތުން
ކުޅިވަރެއް ވުރެން ދީނީ ކަންކަމަށް ސަމާލުކަންދީ ރައްޔިތުން ވަރައްވެސް އުފާވާނެ