ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 19:59
ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ގެޓީ އިމޭޖަސް
އެލެކްސަސް ސަންޗޭޒް
ސަންޗޭޒް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ
ސަންޗޭޒްގެ އެއްބަސްވުން ހަމަވާނީ 2022 ގައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ސަންޗޭޒް ގެނައުމަށް ރެއާލުން ބޭނުންވެއެވެ. އެގޮތުން ސަންޗޭޒްގެ އެޖެންޓާއެކު ނުރަސްމީކޮށް ރެއާލުން ވާހަކަދައްކަމުންދާ ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

އެހެންނަމަވެސް ދާދި ފަހުން މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނީ ސަންޗޭޒް ޕީއެސްޖީ އަށް ދޫކޮށްލުމަށް ޔުނައިޓެޑުން ނިންމާފައިވާ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އެކަންތައް ކުރިޔަށްދާނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު އަހަރަކު 14 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ލިބޭ ގޮތަށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް ވަނީ އެ ކްލަބާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ. ބާސާގައި ކާމިޔާބީތައް ހޯދުމަށް ފަހު ސަންޗޭޒް ބަދަލުވީ އާސެނަލްއަށެވެ.

ސަންޗޭޒް ވަނީ އާސެނަލް އަށް ކުޅުނު 166 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައެވެ. އާސެނަލް ދޫކޮށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވެފައި ވާއިރު، އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 29 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ޗިލީގެ ގައުމީ ޓީމަށް ކުޅުނު 122 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެޓީމާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް