ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 12:38
ބެޓީސްއާ ދެކޮޅަށް މެސީ ޕެނަލްޓީ ޖަހަނީ
ބެޓީސްއާ ދެކޮޅަށް މެސީ ޕެނަލްޓީ ޖަހަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: މެސީ އެނބުރި އައި މެޗުން ބާސާ ބަލިވިއިރު، ރެއާލް އަށް ހަމަޖެހުމެއް
ރެއާލް ބެޓިސް އަތުން ބާސެލޯނާ ބަލިވީ 3-4 ގެ ނަތީޖާއަކުން
ސެލްޓަ ވިގޯ އަތުން ރެއާލް މެޑްރިޑް މޮޅުވީ 2-4 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި އަނިޔާ އިން ސަލާމަތްވެ ލިއޮނެލް މެސީ އެނބުރި އައި މެޗުން ބާސެލޯނާ ބަލިވިއިރު، ސެލްޓަ ވިގޯ ބަލިކޮށް ރެއާލުން ހަމަޖެހުމެއް ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ ބަލިވީ ރެއާލް ބެޓިސްއާ ވާދަކޮށް 3-4 ގެ ނަތީޖާއިންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 20 ވަނަ މިނެޓުގައި ބެޓިސް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޫނިއާ ފިރްޕޯއެވެ.

މި ލަނޑަށްފަހުވެސް ބެޓިސް އިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އެގޮތުން 34 ވަނަ މިނެޓުގައި ޖޮކުއިން ކާމިޔާބުކުރި ލަނޑުން ބެޓިސް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ބާސާގެ މައްޗަށް ބެޓިސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މެސީއެވެ. އެހެންނަމަވެސް 71 ވަނަ މިނެޓުގައި ސެލްސޯ ވަނީ ބެޓިސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސާގެ ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ އާޓޫރޯ ވިޑާލްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ބެޓިސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ކަނެލެސްއެވެ. ބާސާގެ ހަތަރުވަނަ ލަނޑު އިތުރުވަގުތުގައި ކާމިޔާބުކުރީ މެސީއެވެ.

މިއީ ބާސާ ކުޅުނު ހުރިހާ މުބާރާތެއްގައި މެސީ ދެ ލަނޑު ނުވަތަ ދެ ލަނޑަށްވުރެ ގިނައިން ޖެހި މެޗަކުން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިއީ 1998 ވަނަ އަހަރު ފަހުން ބާސާ ދަނޑުގައި ބެޓިސްއަށް އެޓީމު ބަލިވި ކުރެވުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ނަތީޖާއާ އެކު ބާސާ އޮތީ ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން މޮޅުވި ބެޓިސް އޮތީ ކުޅުނު 12 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ސެލްޓަ ވިގޯއާ ވާދަކޮށް ރެއާލް މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ.

ސެލްޓަ ވިގޯ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލް އިންނެވެ. މި ލަނޑު 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.

ބެންޒެމާގެ ލަނޑުން ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ 56 ވަނަ މިނެޓުގައި ސެލްޓަ ވިގޯގެ ކަބްރަލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ސެލްޓަވިގޯ އިން ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ހޫގޯ މެލޯއެވެ. ރެއާލްގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ ރާމޮސް ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ޑެނީ ކެބަލޮސްއެވެ.

ސެލްޓަ ވިގޯ އިން މެޗުގައި ޖެހި ދެވަނަ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ބްރައިސް މެންޑޭޒްއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 12 މެޗުން 20 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާޥަލުގެ ހަވަނައިގައެވެ. މެޗުން ބަލިވި ސެލްޓަ ވިގޯ އޮތީ ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް