ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 22:04
ވެލިދޫގައި އެޅި ވޮލީ ކޯޓު
ވެލިދޫގައި އެޅި ވޮލީ ކޯޓު
މުހައްމަދު ޝަރުހާން
ވެލިދޫގެ ވޮލީ ކޯޓު
ވެލީދޫގައި ހިތްގައިމު ވޮލީ ކޯޓެއް އަޅައިފި
ވެލިދޫގައި ވޮލީ ކޯޓު އަޅާފައިވަނީ އެމްއެޗް އިން

ނ. ވެލިދޫގައި ހިތްގައިމު އައުޓް ޑޯ ވޮލީ ކޯޓެއް އަޅައިފިއެވެ.

އެމްއެޗް ނަމަކަށް ކިޔާ ގްރޫޕަކުން ވެލިދޫގައި ބޮޑު ނިކަގަސް ދޮށުގައި އަޅާފައިވާ މި ވޮލީ ކޯޓަކީ ޒަމާނީ ލައިޓްތަކާއި، ކާޕެޓް ބޭނުންކޮށްގެން އެޅި ކޯޓެކެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެމްއެޗްގެ އިސް ފަރާތަކުން ބުނީ ވޮލީ ކޯޓު އަޅާ ނިމިފައިވާ އިރު، މިހާރު ކުރިޔަށް ދަނީ ރޮސްޓްރޮމް އާއި ޗޭންޖިން ރޫމް އަދި ސިޑިބަރި އެޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށާއި، މި މަސައްކަތްތައް ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން އެމްއެޗްގެ އޮފިޝަލަކު ބުނީ މި ކޯޓު އެޅުމަށް ވަރަށް ގިނަ ބަޔަކު ދީލަތި އެހީވެފައިވާ ކަމަށާއި، އެހީވެ ދެއްވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

 

ވެލިދޫ ވޮލީ ކޯޓު
ވެލިދޫ ވޮލީ ކޯޓު

މި ކޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށާއި، އެގޮތުން އެ ދުވަހު ގައުމީ ވޮލީ ޓީމު ވެލިދޫ އަށް ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެމްއެޗް އިން މައުލޫމާތު ދެއެވެ.

ވެލިދޫގައި އެޅި ވޮލީ ކޯޓުގެ އިތުރަށް ނެޓްބޯޅަ އާއި ހޭންޑްބޯޅަ އަދި ބަށި ބޯޅަ ކުޅެވޭ ގޮތަށް މަލްޓި ޕާޕަސް ކޯޓެއް ވެލިދޫގައި އެޅުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އެމްއެޗް ގްރޫޕުން މައުލޫމާތުދެއެވެ.

ނިމިގެންދިޔަ 1439 ވަނަ އަހަރުގެ އަޟްހާ އީދު، ވެލިދޫގައި ކުލަގަދަކޮށް ފާހަގަކޮށްފައި ވަނީ ވެސް އެމްއެޗްގެ އެހީތެރިކަމާ އެކުގައެވެ. އަދި މި ގްރޫޕުން ވަނީ ދާދި ފަހުން ނ. ފޮއްދޫ ވޮލީ ކޯޓަށް ވެސް ލައިޓިންގ ސިސްޓަމެއް ހަދިޔާކޮށްފައެވެ.

އެމްއެޗްއަކީ ވެލިދޫ އަދި ނ. އަތޮޅުގެ ކުޅިވަރާއި ދީނީ އަދި ތަޢުލީމީ ކަންކަމަށް އެކި ގޮތްގޮތުން ބޮޑެތި އެހީތެރެރިކަން ފޯރުކޮށްދެމުން އަންނަ ގުރޫޕެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް