ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 12:39
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ހުޅުވައިދިން މެޗުގެ ފެށުމުގެ ކުރިން
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ހުޅުވައިދިން މެޗުގެ ފެށުމުގެ ކުރިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފި
ލީގު ފަސްކުރީ އައު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ދަނޑު ރައްޔަތުންގެ މަޖިލީހުން ނެގުމުން
މި އަހަރު އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވަނީ ކެންސަލްކޮށްފައި
ލީގުގެ މެޗުތައް ފަށާނީ މި މަހު 21 ވަނަ ދުވަހު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ، ލީގުގައި އާދީއްތަ އަދި ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް މި މަހުގެ 21 އަދި 22 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން ބުނީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ހުވާ ކުރުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ބޭއްވުމަށްޓަކައި ގަލޮޅު ދަނޑު ހުކުރު ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުން ނަގާފައިވާ ކަމަށާއި، ގަލޮޅު ދަނޑު އަނބުރާ ލިބޭނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން އެފްއޭއެމުން ބުނީ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހުއްދައާ ނުލައި ގަލޮޅު ދަނޑަށް ވަނުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދިނުމަށް ރައްޔަތުންގެ މަޖިލީހުން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމުން ބުނީ އެކިއެކި ސަބަބުތަކަށްޓަކައި ގަލޮޅު ދަނޑު ސަރުކާރުގެ ބޭނުންތަކަށް ނަގަމުންދާތީ، އެފްއޭއެމުން ރާވާފައިވާ މުބާރާތްތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ވުރެ ލަސްވަމުންދާތީ ޓީމުތަކަށް ދަނީ މާލީ ގޮތުން ވަރަށް ބޮޑެތި ގެއްލުން ވަމުން ކަމަށާއި، މިކަމުގެ ސަބަބުން ދިވެހި ފުޓުބޯޅަ އަށް ބޮޑެތި ގެއްލުންތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިކަމާ އެފްއޭއެމުން ކަންބޮޑުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިއުލާން ކުރެވިގެންދިޔަ ކުއްލި ހާލަތުގެ ސަބަބުން މުބާރާތްތައް ފަސްކުރަން ޖެހުނުކަން ފާހަގަކުރަމުން އެފްއޭއެމުން ބުނީ މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ދިގު މުއްދަތަކަށް ސަރުކާރުން ނެގި ކަމަށާއި، އެ އަށް ފަހު ދަނޑު އަނބުރާ ލިބުނު އިރު ބޭނުން ނުކުރެވޭ ވަރަށް ވިނަގަނޑު ހަލާކުވުމުން މުބާރާތްތައް އަނެއްކާވެސް ފަސްކުރަން ޖެހުނު ކަމަށެވެ.

އެގޮތުން އެފްއޭއެމުން ބުނީ ރާއްޖޭގައި މުބާރާތްތައް ބޭއްވޭ ފެންވަރުގެ ހަމައެކަނި ސްޓޭޑިއަމaކީ ގަލޮޅު ދަނޑު ކަމަށްވާއިރު، ދުރާލާ މިން ނުކުރެވޭ އެތައް ސަބަބުތަކަށްޓަކައި ފުޓުބޯޅަ ކަލަންޑަރަށް ބަދަލު ގެންނަން ޖެހުނު ކަމަށާއި، އެހެންނަމަވެސް އެ ބަދަލުތަކާ ގުޅިގެން ބައެއް މީޑިއާތަކުން އަދި ފުޓުބޯޅަ ހިންގުމުގައި އުޅުއްވާ ބައެއް ބޭފުޅުން އެފްއޭއެމް ބަދުނާމުކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

މި އަހަރުގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ ޕްރެޒިޑެންޓްސް ކަޕް އަދި އެފްއޭ ކަޕް ކެންސަލްކޮށްފައިވާއިރު، އެފްއޭއެމުން ބުނީ އެ ނިންމުން ނިންމީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް