ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 11:55
ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ޔޫރޮޕާ ލީގު
ޔޫރޮޕާ ލީގު: ޖިރޫގެ ލަނޑުން ބޭޓް ބޮރިސޮވް ބަލިކޮށް ޗެލްސީ ދެވަނަ ބުރަށް
ބޭޓް ބޮރިސޮވްގެ މައްޗަށް ޗެލްސީ ކުރި ހޯދީ 0-1 ގެ ނަތީޖާއަކުން

ޔޫރޮޕާ ލީގުގައި އޮލިވާ ޖިރޫ ކާމިޔާބުކުރި ލަނޑުން ބޭޓް ބޮރިސޮވް ބަލިކޮށް ޗެލްސީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގްރޫޕް އެލްގައި ބޭޓް ބޮރިސޮވްއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ބޭޓް ބޮރިސޮވް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ބޮރިސޮވް އިން ވަނީ ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ވެސް ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ޗެލްސީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ، ބޭޓް ބޮރިސޮވްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ޗެލްސީން ވެސް ވަނީ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 52 ވަނަ މިނެޓުގައި އެމަސަންގެ އެހީތެރިކަމާ އެކު ޖިރޫ ކާމިޔާބުކުރި ލަނޑުން އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ޖިރޫ އެންމެ ފަހުން ޗެލްސީ އަށް ލަނޑެއް ކާމިޔާބުކޮށް ދީފައި ވަނީ މި އަހަރުގެ މޭ މަހު ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗްގައެވެ.

މި ލަނޑާ އެކު ބޭޓް ބޮރިސޮވް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް، ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އެޓީމަށް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މެޗުން ބަލިވި ބޭޓް ބޮރިސޮވް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައެވެ.

މި ގްރޫޕްގައި ވިޑި އެފްސީ އާއި ތެސެލޮނިކީ އެފްސީ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ވިޑި އެފްސީއެވެ. މި ނަތީޖާއާ އެކު ވިޑި އެފްސީ އޮތީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ހަމަކޮށް ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި ތެސެލޮނިކީ އެފްސީ އޮތީ ބޭޓް ބޮރިސޮވްއާ އެއް އަދަކަށް ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ތިންވަނައިގައެވެ. ތެސެލޮނިކީ އެފްސީ އަށް ތިންވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

- ކޮމެންޓް