ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަހުމަދު ރިޒުވާން (ރިޒޭ) ގެ ހެޓްރިކާއެކު ށ.ފޯކައިދޫގެ މައްޗަށް ކްލަބް އީގަލްސް ކުރިހޯދައިފިއެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ފޯކައިދޫއާ ވާދަކޮށް އީގަލްސް އިން މެޗު ކާމިޔާބުކުރީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޒުވާންއެވެ. މި ލަނޑަށްފަހުވެސް އީގަލްސް އިން ދިޔައީ ފޯކައިދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
އެގޮތުން 20 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭ އެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ފޯކައިދޫގެ މައްޗަށް އީގަލްސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ އީގަލްސްއެވެ. އެގޮތުން 53 ވަނަ މިނެޓުގައި މުހައްމަދު ނާއިމް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ރިޒޭ ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އީގަލްސްގެ ފަސްވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކުރީ ނާއިމްއެވެ.
މި ނަތީޖާއާއެކު އީގަލްސް ވަނީ ކުޅުނު 13 މެޗުން 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ފޯކައިދޫ އޮތީ ކުޅުނު 13 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.