ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 11:21
ރޮނާލްޑޯ ޔުވަންޓަސް ކުޅުންތެރިންނާއެކު
ރޮނާލްޑޯ ޔުވަންޓަސް ކުޅުންތެރިންނާއެކު
ގެޓީ އިމޭޖަސް
ކްރިސްޓިއާނޯ ރޮނާލްޑޯ
ޔުވެންޓަސްގެ އަތުން ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ނޫން: ރޮނާލްޑޯ
ޔުނައިޓެޑުން މެޗުން މޮޅުވާން މަސައްކަތެއް ނުކުރޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަތުން މެންޗެސްޓާ ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ނޫން ކަމަށް ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔުނައިޓެޑުގެ އަތުން 1-2 ގެ ނަތީޖާއިން ޔުވެންޓަސް ބަލިވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގަކީ ހަމަ ޖެހިލައިގެން އުޅެވޭ މުބާރާތެއް ނޫން ކަމަށާއި، ކޮންމެފަދަ ކަމެއް ވެސް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރޮނާލްޑޯ ބުނީ ޔުނައިޓެޑު މެޗުގައި 90 މިނެޓު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޔުވެންޓަސް ކަމަށާއި، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ވެސް ލިބުނު ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ފަހު ވަގުތު ޔުވެންޓަސް އިން ބޮނޑިބޮއެފައިވާ ކަމަށެވެ.

ޔުނައިޓެޑަށް މީގެ ކުރިން ކުޅުނު ރޮނާލްޑޯ ބުނީ މެޗުން މޮޅުވާން ޔުނައިޓެޑުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، މެޗުން ޔުނައިޓެޑު މޮޅުވުން ވެސް ހައްގު ނޫން ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ ގްރޫޕްގެ އެއްވަނައިގައި އަދިވެސް އޮތުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށާއި، މާޔޫސްވާން ޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ.

މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރޮނާލްޑޯ ވަނީ އެންމެ ފަހުން ޔުވެންޓަސް ކުޅުނު 14 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމަށް ލަނޑުތައް ކާމިޔާބުކުރުމަށް ވެސް އެހީތެރިވެދީފައެވެ.

ޔުވެންޓަސް ދެން ނިކުންނާނީ ލީގުގައި އޭސީ މިލާންއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އޭސީ މިލާންގެ ދަނޑުގައި ހޯމަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް