ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 14:53
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ސިޓީ ބޮޑު ތަފާތަކުން މޮޅުވިއިރު، ބަޔާން އަށް ވެސް މޮޅެއް
ޝަހްތަރުއާ ވާދަކޮށް ސިޓީ މޮޅުވީ 0-6 ގެ ނަތީޖާއަކުން
އެތެންސްއާ ވާދަކޮށް ބަޔާން މޮޅުވީ 0-2 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ބޮޑު ތަފާތަކުން މޮޅުވިއިރު، ބަޔާން މިއުނިކް ވެސް މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ޝަހްތަރު ޑޮނެސްކްއާ ވާދަކޮށް 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއެވެ.

މި ލަނޑަށް ފަހު ވެސް ސިޓީން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 24 ވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސަސްއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޝަހްތަރުގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން 48 ވަނަ މިނެޓުގައި ސިޓީން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.

ސިޓީގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގެބްރިއަލް ޖީސަސް ކާމިޔާބުކުރިއިރު، 84 ވަނަ މިނެޓުގައި މަހުރޭޒް ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީގެ ހަވަނަ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށް ގެބްރިއަލް ޖީސަސް ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެން އެއްވަނައިގައެވެ. މެޗުން ބަލިވި ޝަހްތަރު އޮތީ ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

މި ގްރޫޕްގައި ހިމެނޭ ލިޔޯން އާއި ހޮފެންހަމް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ނަތީޖާއާ އެކު ލިޔޯން އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. ހޮފެންހަމް އޮތީ ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން އެތެންސްއާ ވާދަކޮށް ބަޔާން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

ބަޔާން ދަނޑުގައި ކުޅުނު މި މެޗުގައި ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ބޯޅަ ކޮންޓްރޯލްކޮށް އެތެންސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.

ބަޔާނުން މެޗުގެ ލީޑު ނެގީ 31 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރޮބާޓް ލެވެންޑޯސްކީއެވެ. މި ލަނޑަށް ފަހު ވެސް ލީޑު ފުޅާކުރަން ބަޔާން އަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ފުރަތަމަ ހާފް ނިމުނީ ލެވަންޑޯސްކީގެ ލަނޑުން އެތެންސްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 71 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ލެވެންޑޯސްކީއެވެ.

މި ހާފުގައި ވެސް ބަޔާން އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ލެވެންޑޯސްކީ އަށް ހެޓްރިކް ހެދުމަށް ލިބުނު ފުރުސަތު ހިމެނެއެވެ.

މި ނަތީޖާއާ އެކު ބަޔާން އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެތެންސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

މި ގްރޫޕްގައި ހިމެނޭ ބެންފީކާ އާއި އަޔަކްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާ އެކު އަޔަކްސް އޮތީ ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. ބެންފީކާ އޮތީ ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ.

- ކޮމެންޓް