ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 11:33
ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ފަހު ވަގުތު ޔުނައިޓެޑު އަތުން ޔުވަންޓަސް ބަލިވެއްޖެ
ޔުވަންޓަސްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދީ 1-2 ގެ ނަތީޖާއަކުން
ގްރޫޕްގެ އެއް ވަނައިަގއި އޮތީ ނުވަ ޕޮއިންޓާއެކު ޔުވަންޓަސް
ގްރޫޕްގެ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ޔުނައިޓެޑު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑު އަތުން ޔުވަންޓަސް ބަލިވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު އަތުން ޔުވަންޓަސް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޔުނައިޓެޑުގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމަށް ފުރުސަތުތަކެއް ވެސް ލިބިފައި ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވަންޓަސް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ލިއަނާޑޯ ބޮނުޗީގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ލަނޑަށް ފަހުވެސް ޔުވަންޓަސް އަށް ވަނީ ލީޑު ފުޅާ ކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށްފައެވެ.

އެގޮތުން 86 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ހުއާން މަޓާއެވެ. މި ލަނޑަށްފަހުވެސް ޔުނައިޓެޑުން ދިޔައީ ޔުވަންޓަސްގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ.

އެގޮތުން އިތުރުވަގުތުގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ޔުވަންޓަސްގެ އެލެކްސް ސާންޑްރޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑު އޮތީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށް ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި ޔުވަންޓަސް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ.

މި ގްރޫޕްގައި ހިމެނޭ ވެލެންސިއާ އަދި ޔަންގް ބޯއިސް ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެލެންސިއާ އެވެ.

މި ނަތީޖާއާއެކު ވެލެންސިއާ އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓް ހަމަކޮށް ގްރޫޕްގެ ތިންވަނައިގައެވެ. މެޗުން ބަލިވި ޔަންގް ބޯއިސް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް