ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިވިއިރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސީގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ ރެޑް ސްޓާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ރެޑް ސްޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.
ރެޑް ސްޓާ އިން މެޗުގެ ލީޑު ނެގީ 22 ވަނަ މިނެޓުގައެވެ. މި ލަނޑު މެރިންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެވްކޮވްއެވެ. މި ލަނޑަށްފަހުވެސް ރެޑް ސްޓާ އިން ދިޔައީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
އެގޮތުން 29 ވަނަ މިނެޓުގައި ރެޑް ސްޓާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް މެރިންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޕެވްކޮވްއެވެ. މި ލަނޑުތަކާއެކު ލިވަޕޫލް އިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ.
Open scoring with powerful header
— UEFA Champions League (@ChampionsLeague) November 6, 2018
Add stunning second from distance
Milan Pavkov #UCL pic.twitter.com/HoxvLjaQ6k
އެގޮތުން ރެޑް ސްޓާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ލިވަޕޫލުން ވަނީ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ލިވަޕޫލް އަށް ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ރެޑް ސްޓާގެ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެގޮތުން ގިނަ ހަމަލާތަކެއް އެޓީމުން އުފައްދާފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މިއީ ޗެމްޕިއަންސް ލީގުގައި ރެޑް ސްޓާ ހޯދި ފުރަތަމަ މޮޅެވެ. މި ނަތީޖާއާއެކު އެޓީމު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. މެޗުން ބަލިވި ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ.
When you score your first goal for the pic.twitter.com/XPPNOM8Yea
— Paris Saint-Germain (@PSG_English) November 6, 2018
އަންގާރަ ދުވަހުގެ ރޭ ގްރޫޕް ސީގައި ޕީއެސްޖީ އަދި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ޕީއެސްޖީންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ ކީލިއަން އެމްބަޕޭގެ އެހީތެރިކަމާއެކު ޖުއާން ބާނެޓްއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ނަޕޯލީގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
6️⃣2️⃣
— Official SSC Napoli (@en_sscnapoli) November 6, 2018
GAL @Lor_Insigne places his penalty in the bottom corner after @J21Calleti won the spot kick!!!
#NAPPSG 1-1
@ChampionsLeague #UCL
#ForzaNapoliSempre pic.twitter.com/DwJaHTkmxG
ދެވަނަ ހާފް ފެށިގެން ނަޕޯލީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ހޯދާފައެވެ. އެހެންނަމަވެސް ނަޕޯލީގެ އެޓޭކްތައް ޕީއެސްޖީގެ ކީޕަރު ބުފޮން ދިޔައީ ފުލުފުލުގައި ދިފާއު ކުރަމުންނެވެ.
ނަޕޯލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އިންސިންގްނޭއެވެ. މި ލަނޑަށްފަހުވެސް ނަޕޯލީ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ނަޕޯލީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ޕީއެސްޖީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.