ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ވިންގާ މާކޯ އެސެންސިއޯ ދިނުމަށް ފަހު ޗެލްސީގެ ބެލްޖިއަމް ވިންގާ އެޑެން ހަޒާޑް ހޯދުމަށް ރެއާލުން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ ޑޮން ބެލޮން އިން ބުނީ ހަޒާޑް ހޯދުމަށް ރެއާލުން ހުށަހަޅާ އެއްބަސްވުން ވަރުގަދަ ކުރުމަށް އެ ކްލަބުން އެސެންސިއޯ ވެސް ދިނުމަށް ނިންމާފައިވާ ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ޗެލްސީ އަށް ރެއާލުން ދައްކާ ޓްރާންސްފާ ފީގެ އިތުރުން އެސެންސިއޯ ހިލޭ ދޭން ޖެހެއެވެ.
އެހެން ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެސެންސިއޯ ޗެލްސީއަށް ދޭން ރެއާލްގެ ވަގުތީ ކޯޗު ސެންޓިއާގޯ ސޮލާރީ ބޭނުމެއް ނުވެއެވެ. އެސެންސިއޯއަކީ ސޮލާރީ ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ރެއާލްގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށް ދިޔުމަށް ފަހު، އޭނާގެ ރިޕްލޭސްމެންޓަކަށް ރެއާލުން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ހަޒާޑެވެ. އެހެން ނަމަވެސް ހަޒާޑް ވިއްކާލަން ޗެލްސީން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ހަޒާޑް ރެއާލަށް ބަދަލުވުމުގެ ކަންތައް އެ ކްލަބުން ދަނީ ވަރަށް ބާރަށް ކުރަމުންނެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިއަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 312 މެޗުގައި 97 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 96 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.