ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 10:37
ލިވަޕޫލް އަށް ކުޅެމުން އަންނަ
ލިވަޕޫލް އަށް ކުޅެމުން އަންނަ
ރޮއިޓަރސް
ސާޑިއޯ މާނޭ
ލިވަޕޫލްގެ އެއްބަސްވުން އާކުރުމާމެދު ވާހަކަ ދައްކަން މާނޭ ބޭނުމެއް ނުވި
މާނޭގެ ލިވަޕޫލް އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލިވަޕޫލްގެ އެއްބަސްވުން އާކުރުމާމެދު ވާހަކަ ދައްކަން އެ ކްލަބަށް ކުޅެމުން އަންނަ ސެނެގަލްގެ ފޯވާޑް ސާޑިއޯ މާނޭ ބޭނުމެއް ނުވިއެވެ.

ލިވަޕޫލް އެޗޯ އަށް ދިން އިންޓަވިއުއެއްގައި މާނޭ ބުނީ، މިވަގުތު އޭނާގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ކުރިޔަށް ހުރި މެޗުތަކަށް ކަމަށާއި، އެއްބަސްވުން ފަދަ ކަންކަމަކީ އެޖެންޓަށް ދޫކޮށްލާފައިވާ ކަންކަން ކަމަށެވެ.

މާނޭ ބުނީ ލިވަޕޫލްގައި މިވަގުތު އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއި، ކޯޗު އަދި ސަޕޯޓަރުންނަށް އެހީވެދެވޭތީ އެކަމާ އުފަލުން ހުރި ކަމަށެވެ.

ޕްރިމިއާ ލީގުގެ ވާދަވެރިކަމާ ބެހޭގޮތުން މާނޭ ބުނީ މެންޗެސްޓާ ސިޓީ ނުވަތަ އެހެން އެއްވެސް ޓީމަކާ މެދު ނުވިސްނާ ކަމަށާއި، އަމިއްލައަށް ޕްރެޝަރު ހޯދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އުމުރުން 26 އަހަރުގެ މާނޭ ބުނީ މިއީ އަދި ސީޒަންގެ ކުރީކޮޅު ކަމަށާއި، ލީގާ މެދު އެއްވެސް އެއްޗެއް ބުނަން އަވަސް ކަމަށެވެ. އެގޮތުން ފޯކަސް ގެއްލުވާނުލާ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސައުތްހެމްޕްޓަން ދޫކޮށްލުމަށް ފަހު 2016 ވަނަ އަހަރު 34 މިލިއަން ޕައުންޑަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާނޭ ލިވަޕޫލް އަށް ބަދަލުވިއިރު، އޭނާ އަކީ އޭރު އެފްރިކާގެ ތާރީހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ލިވަޕޫލް އަށް މި ސީޒަނުގައި ކުޅުނު 14 މެޗުގައި ހަތް ލަނޑު ކާމިޔާބު ކޮށްފައިވާ މާނޭ ވަނީ އޭނާ މިހާތަނަށް އެޓީމަށް ކުޅުނު 87 މެޗުގައި 40 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ލިވަޕޫލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ މިދިޔަ ސީޒަނުގައި ހޯދި މާނޭ ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް