އިޓާލިއަން ލީގުގައި ފަހުވަގުތު އުދިނޭޒީ ބަލިކޮށް އޭސީ މިލާން ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އުދިނޭޒީއާ ވާދަކޮށް މިލާނުން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
އުދިނޭޒީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން މިލާނުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އުދިނޭޒީގެ ހާފަށް ބާރު ބޮޑުކޮށް ހަމަލާތަކެއްވެސް އެޓީމުން އުފެއްދިއެވެ.
އެގޮތުން މިލާންގެ ސުސޯ އާއި ގޮންޒާލޯ ހިގުއެން އުފެއްދި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ނުލިބެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
Romagnoli's thriller for the win: read the report from this incredible win https://t.co/3pmMoxJ3AR
— AC Milan (@acmilan) November 4, 2018
Romagnoli versione bomber: 1-0 al 97'! Leggi il report di questa incredibile partita https://t.co/eS2aW67byu pic.twitter.com/2tkkmlhQnj
ދެވަނަ ހާފް ފެށިގެން ވެސް މިލާނުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ލަނޑު ޖެހުމަށް ވެސް އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގައި އުދިނޭޒީގެ ނުޓިންކް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދެއްކުމަށް ފަހު ދަނޑުން ފޮނުވާލާފައެވެ. އޭގެ ފައިދާ ނަގާ އިތުރު ވަގުތުގައި މިލާނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ސުސޯގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮމަގްނޮލީއެވެ.
މި ނަތީޖާއާއެކު މިލާން ވަނީ ކުޅުނު 11 މެޗުން 21 ޕޮއިންޓް ހޯދާ ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި އުދިނޭޒީ އޮތީ ކުޅުނު 11 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 11 މެޗުން 31 ޕޮއިންޓް ހަމަކޮށްގެން އޮތީ ޔުވަންޓަސް އެވެ. ދެވަނައިގައި 11 މެޗުން 25 ޕޮއިންޓް ހޯދައިގެން އިންޓަ މިލާން އޮތްއިރު، އިންޓައާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ނަޕޯލީއެވެ.