ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 08:27
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހްމަދު އަބްދުﷲ ރާއްޖެޓީވީގެ ފަލަސުުރުހީ ޕްރޮގްރާމްގައި
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހްމަދު އަބްދުﷲ ރާއްޖެޓީވީގެ ފަލަސުުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ކޯލިޝަން ދެމެހެއްޓުން
މަޖިލީސް އިންތިހާބަކީ ކޯލިޝަން ދެމެހެއްޓުމަށް އޮތް ހުރަހެއް ނޫން: އަހްމަދު އަބްދުﷲ
ކޯލިޝަން ދެމި އޮންނާނެ
ކޯލިޝަނުން މިހާރު އޮތް ހިސާބަށް ވާސިލްވެފައިވަނީ އެއްބަޔަކަށް އަނެއްބަޔަކަށް ދޫ ދޭންޖެހޭ ތަނުގައި ދޫ ދީގެން
މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ ފުރިހަމައަށް ރާއްޖޭގައި އިންސާފު ޤާއިމުވެފައި އޮތުން

މަޖިލީސް އިންތިހާބަކީ ކޯލިޝަން ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެއީ ކޯލިޝަން ދެމެހެއްޓުމަށް އޮތް ހުރަހެއް ނޫން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަހްމަދު އަބްދުﷲ ވިދާޅުވީ ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ.

މަޖިލީސް އިންތިހާބަކީ ކޯލިޝަން ދެމެހެއްޓުމަށް އޮތް ހުރަހެއް ނޫންކަން ތަކުރާރުކޮށް ފާހަގަ ކުރައްވާ އަހްމަދު އަބްދުﷲ ވިދާޅުވީ ޕާޓީތަކުގެ ސިޔާސީ ލީޑަރުން ވާހަކަފުޅު ދައްކަވައިގެން މިހާ ހިސާބަށް އާދެވުމުން ކުރިއަތް އޮތް ތާނގައި ވެސް އެހެން ކަންތައް ކުރައްވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ކޯލިޝަނުން މިހާރު އޮތް ހިސާބަށް ވާސިލްވެފައިވަނީ އެއްބަޔަކަށް އަނެއްބަޔަކަށް ދޫ ދޭންޖެހޭ ތަނުގައި ދޫ ދީގެން ކަމަށާއި އެއްބަސް ނުވެވޭ ކަންތައްތަކުގައި މަޝްވަރާ ވެސް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ އިން އެކުލަވާލާ ބަޖެޓަކުން ހިދުމަތް ދޭން ޖެހޭނީ ވަކި ފިކުރެއްގެ ބަޔަކަށް ކަމަށް ޤާބޫލު ނުކުރައްވާ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެސް ވަކާލާތު ކުރަނީ ރައްޔިތުންނަށް ހިދުމަތް ދޭން ކަމަށް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ. އަދި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމެއްގައި ވެސް ހިދުމަތް ކުރާނީ "ހުރިހާ" ދިވެހި ރައްޔިތުންނަށް ކަމަށް އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ވެރިކަން، އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން އަދި އެމްޑީޕީއާ ގުޅިފައި އޮތް ޕާޓީތަކުގެ ވެރިކަން އުފެދިގެން އައިސް އޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން. އެހެންކަމުން އަޅުގަނޑުމެން ހިދުމަތް ކުރާނީ ރައްޔިތުންނަށް، އެ ހިދުމަތް ދިނުމުގައި އަޅުގަނޑުމެންނާ ހިޔާލު ތަފާތުވާ މީހަކު އެއްފަރާތްކޮށް އެކަހެރި ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެން ޤަބޫލުކުރާ ކަންތަކެއް ނޫން" އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

ފޯރަމްތައް މެދެވެރިކޮށް ރައްޔިތުންގެ ހިޔާލުތައް ހިއްސާކުރުމުން ކޯލިޝަން ސަރުކާރެއްގެ ކަންތައްތައް ތަންފީޒުކޮށް ރިޔާއަތް ކުރަން ފަސޭހަވެގެންދާނެ ކަމަށް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ ފުރިހަމައަށް ރާއްޖޭގައި އިންސާފު ޤާއިމުވެފައި އޮތުން ކަމަށާއި ދައުލަތް މެދުވެރިކޮށް ނަހަމަގޮތުގައި ކަންތައްތައް ކުރި މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ކިޔާނެ ވަރުގަދަ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި މިވަގުތު އެވަރުގެ އިދިކޮޅު ޕާޓީއެއް ނެތް ކަމަށް އަހްމަދު އަބްދުﷲ ފާހަގަކުރެއްވިއެވެ.

"ރަނގަޅު ޑިމޮކްރޮސީއެއް ޤައުމުގައި ހިންގާ ކަމަށް ވާނަމަ ރޫލިންގ ޕާޓީއެއް އޮންނަ ފަދައިން އެ ޕާޓީން ކުރަމުންދާ ކަންތައްތަކަށް ފާރަވެރިވާނެ އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭނެ. އެ އިދިކޮޅު ޕާޓީ ބަލިވާ ވަރަކަށް ޤައުމުގައި ކަންކަން ހިނގާ ގޮތް ރައްޔިތުންނަށް ހާމަވުން ކުޑަވާނެ. އަޅުގަނޑުމެން ނުނިދާ ހަތް އަހަރު ހުރުމުގެ ސަބަބުން މި ސަރުކާރުން ކުރަމުންދިޔަ ވައްކަމާ އެއްޗެހި ރައްޔިތުންނަށް ހާމަވެގެން ދިޔައީ" އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް