ފަރިތަކުރަން ވަގުތު ލިބުނު ނަމަ މެލޭޝިއާ ބަލިކުރެވުނީސް ކަމަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.
މެލޭޝިއާ އަތުން 0-3 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެގާޓް ބުނީ ފަރިތަކުރަން ލިބުނު ވަގުތު ވަރަށް ކުޑަ ކަމަށާއި، އިތުރަށް 40 މިނެޓުގެ އެއް ފަރިތަކުރުން ކުރިޔަށް ގެންދަން ފުރުސަތު ލިބުނު ނަމަ މެލޭޝިއާ ބަލިކުރެވުނީސް ކަމަށެވެ.
ސެގާޓް ބުނީ ބަހުގައި ފަރިތަކުރަން ދާއިރު ދާންވާ ތަން ނޭގިގެން ދުއްވި ކަމަށާއި، އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންނަމަވެސް ދިމާވި ކަންކަމާމެދު ޝަކުވާއެއް ނެތް ކަމަށެވެ.
މީގެއިތުރުން ސެގާޓް ބުނީ މީގެ ހަ ހަފްތާ ކުރިން ރާއްޖެއާ ދެކޮޅަށް މެލޭޝިއާ ކުޅުނު ނަމަ ގިނަ އުނދަގޫތަކާ އެޓީމު ކުރިމަތިލާން ޖެހުނީސް ކަމަށާއި، ޓީމު އެއްކޮށް ފަރިތަނުކުރާތީ ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
މެލޭޝިއާ މެޗަށް ރާއްޖެ ފުރީ ރާއްޖޭގައި އެއްވެސް ތަމްރީނެއް ފުރިހަމަ ނުކޮށެވެ. އަދި މެޗަށް ރާއްޖެ ނިކުތީ މެލޭޝިއާގައި އެންމެ ފަރިތަކުރުމެއް ކުރިޔަށް ގެންދިޔުމަށްފަހު އެވެ.
ސެގާޓް ބުނީ މެލޭޝިއާ އިން މުބާރާތަކަށް ތައްޔާރުވަމުން އަންނާތީ، އަނިޔާގެ މައްސަލައެއްވެސް ދިމާވެދާނެތީ ފުރަތަމަ ހާފްގައި ކުޅުނީ ވަރުގަދަކޮށް ނޫން ކަމަށެވެ.
މެޗުގައި ރާއްޖެއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބުނު ކަމަށާއި، އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައިނުވާ ކަމަށްވެސް ސެގާޓް ވަނީ ބުނެފައެވެ.
މެޗުން ރާއްޖެ ބަލިވި ނަމަވެސް ސެގާޓް ބުނީ ޒުވާން ކުޅުންތެރިންނަށް މެޗުން ގިނަ ތަޖުރިބާތައް ލިބިގެންދާނެ ކަމަށާއި، މެލޭޝިއާއާ ދެކޮޅަށް ކުޅުނު ސްޓޭޑިއަމްއަކީ ވަރަށް ރަނގަޅު ފެންވަރެއްގެ ތަނެއް ކަމަށެވެ.