ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 09:37
ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ފަހުވަގުތު ބާސާ މޮޅުވިއިރު، އެޓްލެޓިކޯ އެއްވަރުވެއްޖެ
ވަލަކާނޯގެ މައްޗަށް ބާސާ ކުރިހޯދީ 2-3 ގެ ނަތީޖާއަކުން
އެޓްލެޓިކޯ އަދި ލެގަނޭޒް ކުޅުނު މެޗު އެއްވަރުވީ 1-1 އިން

ސްޕެނިޝް ލަލީގާގައި ފަހުވަގުތު ބާސެލޯނާ މޮޅުވިއިރު، އެޓްލެޓިކޯ މެޑްރިޑް އާއި ލެގަނޭޒް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރަޔޯ ވަލަކާނޯއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑުން 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ.

މި ލަނޑަށް ފަހުވެސް ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް 37 ވަނަ މިނެޓުގައި ވަލަކާނޯއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޯޒޭ އެންހަލް ޕޮޒޯ އެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވަލަކާނޯ އިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްވަރޯ ގާސިއާއެވެ.

އެހެން ނަމަވެސް 87 ވަނަ މިނެޓުގައި ބާސާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖެރާޑް ޕީކޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އުސްމާނޭ ޑެމްބެލޭއެވެ.

މި ލަނޑަށްފަހު ވެސް ބާސާ އިން ދިޔައީ ވަލަކާނޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އިތުރު ވަގުތުގައި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑުން ބާސާ އިން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވަލަކާނޯ އޮތީ ކުޅުނު 11 މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެޓްލެޓިކޯ އެއްވަރުވީ ލެގަނޭޒްއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ލެގަނޭޒް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް ލަނޑު ޖެހުމަށް އެޓްލެޓިކޯ އިން ދިޔައީ ފުރުސަތު ހޯދަމުންނެވެ.

ފުރަތަމަ ހާފްގައި ލީޑު ނެގުމަށް ފުރުސަތުތަކެއް އެޓްލެޓިކޯ އަށް ލިބި ބޭކާރުވިއިރު، ގިނަ ހަމަލާތަކެއް އެޓީމުގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް އެޓްލެޓިކޯގެ ފަރާތުން ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ލީޑު ނެގީ 71 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ގްރިޒްމަން އެވެ.

މި ލަނޑަށް ފަހުވެސް އެޓްލެޓިކޯ އަށް ލަނޑު ޖެހުމަށް ފުރުސަތުތައް ލިބުނެވެ. އެހެންނަމަވެސް 84 ވަނަ މިނެޓުގައި ލެގަނޭޒް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެރީލޯއެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. ލެގަނޭޒް އޮތީ ކުޅުނު 11 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

 

- ކޮމެންޓް