ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 20:51
މެލޭޝިއާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
މެލޭޝިއާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
މެލޭޝިއާ - ރާއްޖެ
މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ
ރާއްޖޭގެ މައްޗަށް މެލޭޝިއާ ކުރިހޯދީ 0-3 ގެ ނަތީޖާއަކުން

ރަހުމަތްތެރިކަމުގެ މެޗެއްގައި މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން މެލޭޝިއާ އަތުން ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

މެލޭޝިއާގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ރާއްޖޭގެ ހާފަށް ބާރު ބޮޑުކޮށް އެޓީމުން ވަނީ ހަމަލާތަކެއް އުފައްދާފައެވެ.

މެލޭޝިއާ އިން މެޗުގެ ލީޑު ނެގީ 16 ވަނަ މިނެޓުގައި ކެޕްޓަން ޒަކުއަން އަދާ ރައްޒާގް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް މެލޭޝިއާގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންދިޔައެވެ.

ފުރަތަމަ ހާފްގައި ރާއްޖެއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ރާއްޖެއަށް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް މެލޭޝިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް މެލޭޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ރަނގަޅު ހަމަލާތަކެއް އެޓީމުން ވަނީ އުފައްދާފައެވެ.

މެލޭޝިއާ އިން ލީޑު ފުޅާކުރީ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަފާވީއެވެ.

ފަހު 10 މިނެޓު ތެރޭގައި ރާއްޖެއިން ގިނަ ބަދަލުތަކެއް ކުރިއެވެ. އެގޮތުން ރިޒުވާން އަހުމަދު އާއި އަސަދުﷲ އަބްދުﷲ އާއި އަހުމަދު ނާއިމް އާއި އަބްދުﷲ ޔާމީން އަދި ކީޕަރު ތޮލާލު ކުޅެން އެރުވިއެވެ.

މެލޭޝިއާގެ ތިންވަނަ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ މޮހަމަދޫ ސުމެރާއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑުތައް ޖެހުމަށްވެސް އެހީތެރިވެދީފަ އެވެ.

މިއީ ސާފް ސުޒުކީ ކަޕް އުފުލާލުމަށްފަހު ރާއްޖެއިން ކުޅުނު ފުރަތަމަ މެޗެވެ. ރޭންކިން އަށް ބަލާއިރު، ރާއްޖެ އޮތީ ދުނިޔޭގެ 151 ވަނައިގައެވެ. މެލޭޝިއާ އޮތީ ދުނިޔޭގެ 169 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް