އިޓާލިއަން ލީގުގައި ބޮޑު ތަފާތަކުން އެމްޕޮލީ ބަލިކޮށް ނަޕޯލީ ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެމްޕޮލީއާ ވާދަކޮށް ނަޕޯލީން މެޗު ކާމިޔާބުކުރީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިންސިންގްނޭއެވެ.
މި ލަނޑަށް ފަހު ވެސް ނަޕޯލީން ދިޔައީ އެމްޕޮލީގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން 38 ވަނަ މިނެޓުގައި މާޓެންސްގެ ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.
މި ލަނޑުތަކާ އެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އެމްޕޮލީގެ މައްޗަށް ނަޕޯލީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ނަޕޯލީންނެވެ. އެހެންނަމަވެސް ނަޕޯލީން ރަނގަޅަށް ކުޅެމުން ދަނިކޮށް 58 ވަނަ މިނެޓުގައި ކަޕޫޓޯ ވަނީ އެމްޕޮލީ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ނަޕޯލީއަށް ލީޑު ފުޅާކޮށްދިނީ 64 ވަނަ މިނެޓުގައި މާޓެންސް އެވެ. އިތުރު ވަގުތުގެ ތެރޭގައި ނަޕޯލީން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މިލިކް ކާމިޔާބު ކުރިއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށް މާޓެންސް ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މި ނަތީޖާއާ އެކު ނަޕޯލީ އޮތީ ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި އެމްޕޮލީ އޮތީ ކުޅުނު 11 މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.