ފްރެންޗް ލީގުގައި ލިއްލޭ ބަލިކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޔޫރަޕްގެ އެންމެ މޮޅު ފަސް ލީގުގެ ތެރެއިން ލީގެއްގައި ކުޅުނު ފުރަތަމަ 12 މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ރެކޯޑު މުގުރާލައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ ލިއްލޭއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ލިއްލޭގެ ހާފަށް ބާރު ބޮޑުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ.
ފުރަތަމަ ހާފްގައި ލިއްލޭގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް އެޓީމުން ވަނީ ޕީއެސްޖީގެ ހަމަލާތައް ހުށިއާރު ކަމާއެކީ ދިފާއުކޮށްފައެވެ.
— Paris Saint-Germain (@PSG_inside) November 2, 2018
Un record, ça se fête ! Vivez la belle communion entre nos joueurs et les supporters après ce e succès en championnat
#AllezParis pic.twitter.com/EKE98Yzubw
ދެވަނަ ހާފް ފެށިގެން ޕީއެސްޖީން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، ލަނޑުޖެހުމަށް ފުލުފުލުގައި ވަނީ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މި ލަނޑު 72 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ކީލިއަން އެމްބަޕޭއެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
ޕީއެސްޖީން ލީޑު ފުޅާކުރީ 84 ވަނަ މިނެޓޫގައި އެމްބަޕޭގެ އެހީތެރި ކަމާއެކު ނޭމާ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތުގައި ލިއްލޭގެ ހަމަ އެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޕެޕޭއެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ އޮތީ ކުޅުނު 12 މެޗު ވެސް ކާމިޔާބުކޮށް 36 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ލިއްލޭ އޮތީ ކުޅުނު 12 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.