ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 15:11
ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް
ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް
ވަގުތު.އެމްވީ
ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު
ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ މަތިން ހަނދާން ނައްތާލަން ޖެހޭ: ގައުމީ ކޯޗު
ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ހޯދީ ސެޕްޓެމްބަރު މަހު

ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

ރަހުމަތްތެރިކަމުގެ މެޗެއްގައި މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ހޮނިހިރު ދުވަހު ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯޗު ބުނީ މެލޭޝިއާއާ ދެކޮޅަށް ނިކުންނައިރު އެންމެ މުހިންމު ކަމަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވިފައި އޮތުން ކަމަށާއި، އެހެންނަމަވެސް މިހާރު އެ މުބާރާތް މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ.

ސެގާޓް ބުނީ ބޮޑު މުބާރާތެއް ކާމިޔާބުކުރުމަށް ފަހު އަބަދު ވެސް ސުމަކުން ފަށަން ޖެހޭ ކަމަށާއި، އެކަން ކުޅުންތެރިންނަށް ވެސް ވިސްނަދޭން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ބުނީ ދަނޑުމަތީގައި މެލޭޝިއާއާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކޯތޯ މަސައްކަތް ކުރާނެ ކަމަށާއި، މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ގައުމީ އެއް ނަމްބަރު ކީޕަރު ފައިސަލް އަށް އަނިޔާވެފައިވާ ކަން ފާހަގަކުރަމުން ސެގާޓް ބުނީ މެލޭޝިއާ މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓާނީ ޒުވާން ކީޕަރު ހުސެއިން ޝަރީފް ކަމަށާއި، ޝަރީފަށް ގޯހެއް ހެދިއްޖެއްޔާ އޭގެ ފުރިހަމަ ޒިންމާ ނަގަން ތައްޔާރަށް ހުރި ކަމަށެވެ.

މީގެ އިތުރުން ސެގާޓް ބުނީ މެލޭޝިއާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ރާއްޖެއިން ކުރިޔަށް ގެންދިޔައީ އެންމެ ފަރިތަކުރުމެއް ކަމަށާއި، އޭނާ އަށްވެސް އެންމެ ފަރިތަކުރުމަކުން ޖާދުލެއް ނެހެދޭނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް ރީތި ނަމެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރާއްޖެ އަދި މެލޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު 17:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް