ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 19:36
ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ސިޔާދް ޤާސިމް
ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ސިޔާދް ޤާސިމް
ރާއްޖެއެމްވީ
ރިޝްވަތު ދިނުމުގެ ދައުވާ
އަބްދުﷲ ސައިދާއި، އަލީ ހަމީދާއި، ހަސަން ސައީދުގެ އިތުރުން ސިޔާދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީން ނިންމައިފި
ހެކި ގަރީނާއަށް ބަލައި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް
ޝަރީއަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ކަމަށް ނުފެނޭ
ކޯޓެއްގައި އިސްތިއުނާފްކުރި ނަމަވެސް ނިންމުމަށް ބަދަލެއް އައިސްދާނެ ކަމަށް ނުފެނޭ

ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރުމުން އެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދިރާސާ ކުރުމަށްފަހު އެ އޮފީހަށް ފޮނުވުމާއި ގުޅިގެން އެ އޮފީހުން ކުރި ދިރާސާތަކަށް ބަލާއިރު އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ހުރި މައްސަލެއް ކަމުގައި ދެކޭ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެ އޮފީހުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލައި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ޝަރީއަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ކަމަށް އެ އޮފީހަށް ނުފެންނަ ކަމަށެވެ. ނަމަވެސް، ޝަރީއަތުގެ ނިންމުމުގައި ފާހަގަކުރައްވާފައިވާ ކަންކަމަށާއި މައްސަލައާއި ގުޅިގެން މިހާތަނަށް ލިބިފައިވާ އެންމެހާ ލިޔެ ކިޔުމަށާއި މައްސަލައިގައި މިހާތަނަށް ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޝަރީއަތުގެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކުރި ނަމަވެސް ،ނިންމުމަށް ބަދަލެއް އައިސްދާނެ ކަމަށް ނުފެންނާތީ، އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުން އިސްތިއުނާފު ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. 

އަބްދުﷲ ސައީދާއި އަލީ ހަމީދާއި ހަސަން ސައީދުގެ އިތުރުން ސިޔާދު ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވަނީ އޮކްޓޯބަރު 10 ވަނަ ދުވަހުއެވެ.

ބަންދުގައި ތިއްބެވި އަބްދުﷲ ސައީދާއި އަލީ ހަމީދާއި ހަސަން ސައީދު ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި، އެ ތިން ބޭފުޅުން ރިޝްވަތުގެ ފައިސާގައި ހިފާފައިވާކަން ޝަރީއަތަށް އެނގެން ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ، އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވި ކަމަށް އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވަނީ ވިދާޅުވެފައެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލު ކުރިނަމަވެސް، ތިން ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް އެ ބޭފުޅުން ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެ ބޭފުޅުން މިނިވަނެއް ނުވެއެވެ. 

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލީ އޭނާގެ ސޮއިކޮށް، ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ބައްލަވައިގަތް މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ބުނެއެވެ.

ވިލާ ކުންފުނީގެ ފަރާތުން އެކަމަށް ދީފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވެއެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ މިނިވަން ކުރީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް