ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 08:57
ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން
ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން
އެފްއޭއެމް
ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު
ގައުމީ ޓީމު މެޗެއް ކުޅުން މެލޭޝިއާ އަށް ފުރައިފި
ގައުމީ ޓީމު މެލޭޝިއާއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭނެ

ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު ރަހުމަތްތެރިކަމުގެ މެޗެއް މެލޭޝިއާއާ ދެކޮޅަށް ކުޅުމަށް އެގައުމަށް ފުރައިފިއެވެ.

ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ގައުމީ ޓީމު މެލޭޝިއާ އަށް ފުރާފައިވަނީ ބުދަ ދުވަހުގެ ރެއެވެ.

ރޭންކުގެ ގޮތުން ބަލާއިރު، ރާއްޖެ އޮތީ ދުނިޔޭގެ 151 ވަނައިގައެވެ. މެލޭޝިއާ އޮތީ ދުނިޔޭގެ 169 ވަނައިގައެވެ. އެހެން ނަމަވެސް މެލޭޝިއާ އިން އަންނަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

އަންނަ އަހަރު ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ގިނަ ކަންތައްތައް ރާވަމުން އަންނައިރު، އެ އިދާރާ އިން ބުނީ އަންނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ރަހުމަތްތެރިކަމުގެ ގިނަ މެޗުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ބޮޑަށް ބަލަނީ ރޭންކުގެ ގޮތުން މަތީ ޓީމުތަކާ މެޗުތައް ކުޅުން ކަމަށެވެ.

މެލޭޝިއާ އަށް ފުރި 20 ކުޅުންތެރިންގެ ގައުމީ ސްކޮޑުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަ ކުޅުންތެރިންނާއި، ޓީސީގެ ދެ ކުޅުންތެރިންނާއި، އީގަލްސްގެ ފަސް ކުޅުންތެރިންނާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަތަރު ކުޅުންތެރިންނާއި، ކްލަބް ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިން އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އެއް ކުޅުންތެރިޔެކެވެ.

ރަހުމަތްތެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި ގިނައިން ހިމެނިފައި ވަނީ ބަންގްލަދޭޝްގައި މި ސެޕްޓެމްބަރު މަހު ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންތަކުގެ ތެރެއިން ސްކޮޑުން އުނިވެފައިވަނީ ނިއުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) އާއި ވިކްޓްރީގެ ކީޕަރު ތޮލާލް ހަސަންއެވެ.

ސްކޮޑުން މި ކުޅުންތެރިން ބާކީވެފައިވާއިރު، އަހުމަދު ރިޒުވާން (ރިޒޭ) ގެ އިތުރުން ސްކޮޑަށް ދެން ނަގާފައިވަނީ އީގަލްސްގެ އަހުމަދު ނާއިމް އާއި ގްރީންގެ އަބްދުﷲ ޔާމީން އެވެ. ނާއިމް އާއި ޔާމީން އަކީ ސާފް ސުޒުކީ ކަޕަށް ނެގި ފައިނަލް ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނެވެ.

މިފަހަރުގެ ސްކޮޑުން ފުރުސަތު ނުދިން ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމެނޭއިރު، އޭނާ އަށް ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގެ ސްކޮޑުންވެސް ޖާގަ ދީފައި ނުވެއެވެ. ދަގަނޑޭ މި ސީޒަނުގައި 35 ލަނޑު ޖަހާފައިވާއިރު، އޭނާ އަންނަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދަގަނޑޭގެ އިތުރުން އީގަލްސްގެ ޒުވާން މިޑްފިލްޑަރު ހަސަން ރާއިފް (ހަންނަ) އާއި ޓީސީގެ މުހައްމަދު ސާމިރުވެސް ގައުމީ ސްކޮޑުގައި ނުހިމެނެއެވެ. މި ދެ ކުޅުންތެރިން ވެސް އަންނަނީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ 17:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް