އަނިޔާ އިން ސަލާމަތްވެ، ލިއޮނެލް މެސީ އެނބުރި ބާސެލޯނާގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ އެވެ.
ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން 2-4 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގެ ފުރަތަމަ ހާފްގައި މެސީގެ އަތަށް ވަނީ އަނިޔާވެފައެވެ. އޭނާގެ އަތަށް އަނިޔާވީ ސެވިއްޔާގެ ފްރާންކޯ ވަސްކުއޭޒްއާ މުޑިއަރައި، އަތްމައްޗަށް ވެއްޓިގެންނެވެ. އެގޮތުން އޭނާ އަތުގައި ރެނދެއްވެސް ލިއެވެ.
އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު މެސީ އަށް އަނިޔާވެފައިވާ އިރު، އޭނާ އަށް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާންއާ ދެކޮޅަށް ބާސާ ކުޅުނު މެޗު އަދި ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ގެއްލިފައެވެ.
އެހެންނަމަވެސް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ލެގަނޭސްއާ ދެކޮޅަށް ރަށުން ބޭރުގައި ބާސާ ކުޅޭ މެޗަށް މެސީ ފިޓްވާނެ ކަމާ މެދު ސުވާލު އުފެދުނަސް، ހަތަރު ވަނަ ދުވަހު ރަޔޯ ވަލަކާނޯއާ ދެކޮޅަށް ބާސާ ކުޅޭ މެޗަށް މެސީ ފިޓްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މެސީ ފަރިތަކުރުންތަކަށް ނިކުތުމުން ބާސާގެ ކޯޗު ވަލްވާޑޭ ބުނީ، ފާއިތުވެދިޔަ މެޗު ތަކުގައި މެސީގެ މަތިން ވަރަށް ހަނދާންވި ކަމަށާއި، ލެގަނޭސް މެޗަށް މެސީ ފިޓްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ ވަނީ ކުޅުނު 12 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ބާސާ އަށް ލަނޑުތަކެއް ކާމިޔާބުކޮށްދިނުމަށްވެސް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.