ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 22:34
ސްވާފްގެ ބޯޑު މެމްބަރުން
ސްވާފްގެ ބޯޑު މެމްބަރުން
ޓްވިޓަރ
ސްވާފުން ރާއްޖެ ވަކިވުން
ކުއްލި ގޮތަކަށް ސްވާފުން ރާއްޖެ ވަކިވެއްޖެ!؟
ސްވާފުން ރާއްޖޭގެ އިތުރުން ސާފް ހުރިހާ ގައުމެއް ވަކިވި
ސްވާފުން ސާފް ގައުމުތައް ވަކިވި ސަބަބެއް އަދި ނޭނގޭ
ސްވާފުން ރާއްޖެ ވަކިވީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި

ސައުދީ އަރަބިއްޔާ އިސްކޮށް އޮވެ އަލަށް އުފެއްދި ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސްވާފް) އިން ކުއްލި ގޮތަކަށް ރާއްޖެ ވަކިވެއްޖެ ކަމަށް ބުނެފިއެވެ.

ސްވާފުން ރާއްޖެ ވަކިވެފައިވާ ކަން ކަށަވަރުކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ސްވާފްގެ ސީނިއަރ ނައިބް ރައީސަކަށް ހޮވިފައިވާ މުހައްމަދު ޝަވީދަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. އަދި މެސެޖް ކުރުމުން، މެސެޖަށްވެސް ޖަވާބުދެއްވާފައެއް ނުވެއެވެ.

މިކަމާއި ގުޅޭ ގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ސްވާފުން ރާއްޖެ ވަކިނުވާ ކަމަށާއި، ވަކިވެފައިވާ ވަނީ ރާއްޖެ ފިޔަވައި މި ސަރަހައްދުގެ އެހެން ހުރިހާ ޤައުމެއްކަމަށެވެ.

އެހެންނަމަވެސް ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްވާފުން ރާއްޖޭގެ އިތުރުން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަންގެ ހުރިހާ ގައުމެއް ވަކިވާން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނާއި ބޫޓާންގެ އިތުރުން ދިވެހިރާއްޖެ ކަމަށެވެ.

އޭއެފްސީ ކޮންގްރެސް ބުރާސްފަތި ދުވަހު މެލޭޝިއާގައި ބާއްވާފައިވާއިރު، އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސާފް ހުރިހާ ގައުމުތަކެއް ސްވާފުން ވަކިވާން ނިންމީ ބުދަ ދުވަހު މެލޭޝިއާގައި ކުރިޔަށްދިޔަ ބައްދަލުވުމަކަށްފަހު ކަމަށެވެ.

އޭއެފްސީގެ ރައީސްއާ އެކު ސްވާފްގެ ސީނިއާ ނައިބް ރައީސް ޝަވީދު (ކ) - ފޮޓޯ: މިހާރު

މައުލޫމާތު ލިބޭ ގޮތުގައި ސްވާފްގެ އެކްސްކޯ ބައްދަލުވުމެއް ބާއްވަން ބުރާސްފަތި ދުވަހު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ބައްދަލުވުން ފަހުވަގުތު ކެންސަލްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސާފްގެ ގައުމުތައް ކުއްލިއަކަށް ސްވާފުން ވަކިވެފައިވާއިރު، ގައުމުތައް ވަކިވި ސަބަބެއް އަދި މިހާތަނަށް ކަށަވަރެއް ނުވެއެވެ.

ސްވާފްގެ ބައްދަލުވުމަކަށްފަހު މީގެކުރިން ބައްސާމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ބިނާކުރުމާ ބެހޭގޮތުން ޖަމިއްޔާގައި ވާހަކަދެކެވުނު ކަމަށާއި މި ޖަމިއްޔާ އުފެދުމަކީ ދިވެހި ފުޓްބޯޅަ އާއި ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން މިއީ ރަނުގެ ފުރުސަތެއް ކަމަށްވެސް ބައްސާމް އޭރު ވިދާޅުވިއެވެ.

ސްވާފްގެ ރައީސް އަކީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޑރ. އާދިލް ބިން މުހައްމަދު އިއްޒަތެވެ. ސްވާފްގެ ހުޅަނގު އޭޝިއާ ފަޅިން ނައިބް ރައީސް އަކީ ޔޫއޭއީގެ އަބްދުﷲ އަލް ޖުނައިބީއެވެ. އަދި ދެކުނު އޭޝިއާ ފަޅިން ނައިބް ރައީސް އަކީ އިންޑިއާގެ ސުބްރަތާ ދައްތާއެވެ.

ސްވާފް އުފެއްދުމާ ބެހޭގޮތުން ކުރިން އޭއެފްސީއިން ދީފައިވަނީ މާ އީޖާބީ ޖަވާބެއް ނޫނެވެ. ނަމަވެސް ތިން ހަފުތާއަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު އޭއެފްސީން ވަނީ ޝަރުތުތަކެއް ކުރިމަތިކޮށް ސައުދީއަށް އެ ހުއްދަ ދީފައެވެ. ސާފް ގައުމުތައް ސްވާފުން ވަކިވުމުން މިހާރު ސްވާފުގެ މެމްބަރުންގެ ގޮތުގައި ތިބޭނީ ސައުދީ އަރަބިއްޔާ އާއި ބަޚުރޭނާއި، އިރާގާއި، ކުވޭތާއި، އޮމާނާއި، ޔޫއޭއީ އަދި ޔަމަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް