ބެލޮންޑިއޯ އެވޯޑު މި އަހަރު ލިބެން ޖެހެނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވެރާން އަށް ކަމަށް ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް އަދި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވިދާޅުވެއްޖެއެވެ.
ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޕްލެޓިނީ ވިދާޅުވީ، އަބަދުވެސް އެންމެން ބަހުސް ކުރަމުން އަންނަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ނުވަތަ ލިއޮނެލް މެސީ އެވޯޑު ހާސިލުކުރާނެތޯ ކަމަށާއި، މިއަހަރު އެވޯޑު ހައްގުވަނީ ހަމައެކަނި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ވެރާން އަށް ކަމަށެވެ.
ޕްލެޓިނީ ވިދާޅުވީ، ވެރާން އަކީ ކުޅަދާނަ ކުޅުންތެރިޔެއް ކަމަށާއި، ވޯޓު ލެވޭނަމަ އޭނާގެ ވޯޓު ލާނީ ވެރާން އަށް ކަމަށެވެ. އަދި 2006 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑު ހާސިލުކުރީ އިޓަލީގެ ޑިފެންޑަރު ފަބިއޯ ކަނަވާރޯކަން ހަނދާން ނުނެތޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި އެވޯޑު ލިބޭ ކުޅުންތެރިއެއް އިއުލާންކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
މިހާތަނަށް އިއުލާންކޮށްފައިވާ ލިސްޓަށް ބަލާއިރު އެންމެ ގިނައިން ނޮމިނޭޓް ވެފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.
ބެލޮން ޑިއޯ އަށް ނޮމިނޭޓްވާ ކުޅުންތެރިން ކަނޑައަޅަނީ ފްރާންސް ފުޓްބޯލް މަޖައްލާއިންނެވެ. އަދި އެވޯޑް ލިބޭ ކުޅުންތެރިޔާ އަށް ވޯޓުލަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ނޫސްވެރިންނެވެ.
2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބެލޮން ޑިއޯ ހޯދަމުން ދިޔައީ އާޖެންޓީނާގެ ލިއޮނެލް މެސީ ނުވަތަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ހަ އަހަރު ވަންދެން ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ބެލޮން ޑިއޯ އެއްކޮށްލައިގެން ދިނެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ފީފާއިން ވަނީ އެއްބަސްވުން އުވާލައި، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފީފާއިން ވަކިން ދޭ ގޮތަށް ހަމަޖައްސާފައެވެ.
އެގޮތުން މިއަހަރު އެވޯޑު ލިބުނީ ރެއާލްއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރ މޮޑްރިޗްއެވެ. ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިއަހަރު ހޯދީ އޯލާންޑޯ ޕްރައިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ބްރެޒިލްގެ ފޯވަޑް މާތާއެވެ.