ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 13:58
ގައުމީ ޓީމަށް އަލުން ނެގި އަހުމަދު ރިޒުވާން (ރިޒޭ)
ގައުމީ ޓީމަށް އަލުން ނެގި އަހުމަދު ރިޒުވާން (ރިޒޭ)
މިހާރު
ގައުމީ ސްކޮޑު އެކުލަވާލުން
ރިޒޭ ސްކޮޑަށް ނެގިއިރު، ދަގަނޑޭ މި ފަހަރު ވެސް ނުހިމަނާ!
ރިޒޭ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން
ސްކޮޑަށް މުޖޭ އާއި ބޮޑީ އަދި ތޮލާލް ނުނަގާ

ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ސްކޮޑަށް ނެގި އިރު، ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މި ފަހަރު ވެސް ސްކޮޑުގައި ނުހިމެނިއެވެ.

މެލޭޝިއާއާ ދެކޮޅަށް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ނެގި 20 ކުޅުންތެރިންގެ ގައުމީ ސްކޮޑުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަ ކުޅުންތެރިންނާއި، ޓީސީގެ ދެ ކުޅުންތެރިންނާއި، އީގަލްސްގެ ފަސް ކުޅުންތެރިންނާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަތަރު ކުޅުންތެރިންނާއި، ކްލަބް ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިން އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އެއް ކުޅުންތެރިޔެކެވެ.

ރަހުމަތްތެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި ގިނައިން ހިމެނިފައި ވަނީ ބަންގްލަދޭޝްގައި މި ސެޕްޓެމްބަރު މަހު ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންތަކުގެ ތެރެއިން ސްކޮޑުން އުނިވެފައިވަނީ ނިއުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) އާއި ވިކްޓްރީގެ ކީޕަރު ތޮލާލް ހަސަންއެވެ.

ސްކޮޑުން މި ކުޅުންތެރިން ބާކީވެފައިވާއިރު، ރިޒޭގެ އިތުރުން ސްކޮޑަށް ދެން ނަގާފައިވަނީ އީގަލްސްގެ އަހުމަދު ނާއިމް އާއި ގްރީންގެ އަބްދުﷲ ޔާމީން އެވެ. ނާއިމް އާއި ޔާމީން އަކީ ސާފް ސުޒުކީ ކަޕަށް ނެގި ފައިނަލް ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނެވެ.

މިފަހަރުގެ ސްކޮޑުން ފުރުސަތު ނުދިން ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނޭއިރު، އޭނާ އަށް ނިމިގެންދިިޔަ ސާފް ސުޒުކީ ކަޕްގެ ސްކޮޑުންވެސް ޖާގަ ދީފައި ނުވެއެވެ. ދަގަނޑޭ މި ސީޒަނުގައި 35 ލަނޑު ޖަހާފައިވާއިރު، އޭނާ އަންނަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދަގަނޑޭގެ އިތުރުން އީގަލްސްގެ ޒުވާން މިޑްފިލްޑަރު ހަސަން ރާއިފް (ހަންނަ) އާއި ޓީސީގެ މުހައްމަދު ސާމިރުވެސް ގައުމީ ސްކޮޑުގައި ނުހިމެނެއެވެ. މި ދެ ކުޅުންތެރިން ވެސް އަންނަނީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

 

އަލީ އަޝްފާގު (ދަގަނޑޭ) - ފޮޓޯ: ފޭސްބުކް

މެލޭޝިއާ މެޗަށް ނެގި ގައުމީ ސްކޮޑު:

މާޒިޔާ: އަސަދުﷲ އަބްދުﷲ (އަސައްކޮ)، މުހައްމަދު އިރުފާން (އިރޭ)، ހުސެއިން ޝަރީފް، އަހުމަދު އިމާޒް (އާއްކޮ)، ނާއިޒު ހަސަން (ދާދު)، ސަމޫހު އަލީ (ސަމުއްޓެ).

ޓީސީ ސްޕޯޓްސް ކްލަބް: އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ).

ކްލަބް އީގަލްސް: ހުސެއިން ޝިފާއު، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، މުހައްމަދު އާރިފް (ބަކާ)، އަހުމަދު ރިޒުވާން (ރިޒޭ).

ނިއު ރޭޑިއަންޓް: ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)

ކްލަބް ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، އަބްދުﷲ ޔާމީން

ވިކްޓަރީ: ހުސެއިން ނިހާން (ނިހާޓް)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް