ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މުހައްމަދު ސާމިރުގެ ހެޓްރިކާއެކު ށ.ފޯކައިދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބް ބޮޑު މޮޅެއް ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ފޯކައިދޫއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
މި ލަނޑަށްފަހުވެސް ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 41 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅައަކުން ކާމިޔާބުކުރީ ސާމިރުއެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ފޯކައިދޫގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ވެސް ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ ސާމިރުއެވެ. އޭގެ ހަތަރު މިނެޓު ފަހުން ސާމިރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ޓީސީގެ ފަސްވަނަ ލަނޑު 77 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބުކޮށްފައިވާއިރު، ފޯކައިދޫގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ އަހުމަދު އުސާމްއެވެ.
މި ނަތީޖާއާއެކު ޓީސީ އޮތީ ކުޅުނު 12 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި 28 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ތިންވަނައިގައި 26 ޕޮއިންޓާއެކު އޮތީ އީގަލްސް އެވެ. އަދި ހަތަރު ވަނައިގައި ނިއު އޮތީ 21 ޕޮއިންޓާއެކުގައެވެ. ފޯކައިދޫ އޮތީ ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.