ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 20:16
ހުޅުމާލެ އަދި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން
ހުޅުމާލެ އަދި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން
ވީއޭއެމް
ގައުމީ ވޮލީ ބޯޅަ މުބާރާތް
ގައުމީ ވޮލީ ބޯޅަ މުބާރާތް: ހުޅުމާލެ ބަލިކޮށް ޕޮލިސް ފައިނަލަށް
ހުޅުމާލޭގެ މައްޗަށް ޕޮލިސް ކުރިހޯދީ ތިން ސެޓް އެއް ސެޓުން

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ މުބާރާތުގައި ހުޅުމާލެ ސްޕޯޓްސް ބަލިކޮށް ޕޮލިސް ކްލަބް ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު ތިން ވަނަ ސެމީ މެޗު ހުޅުމާލެއާ ވާދަކޮށް ޕޮލިހުން މެޗު ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓް 22-25 އިން ގެންދިޔައީ ހުޅުމާލެއިންނެވެ. އެހެންނަމަވެސް ޖެހިގެން އައި ތިން ސެޓް 17-25 އާއި 25-27 އަދި 19-25 އިން ޕޮލިހުން ވަނީ ކާމިޔާބުކޮށްފައެވެ.

ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޕޮލިސް ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ. އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ސެމީގައި ޕޮލިހުން ވަނީ ސިފައިންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލުން ސިފައިން ވަނީ ޕޮލިސް ބަލިކޮށްފަ އެވެ. އަދި މި މުބާރާތުގެ ފައިނަލުން ސިފައިން ފުރުސަތު ހޯދީ ފުރަތަމަ ސެމީގައި ޕޮލިހުގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.

މި މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަކަށް ޓީމުތައް ވަނީ ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި، ގުޑީސް ސްޕޯޓްސް ކްލަބް އަދި މަލްސަން ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބާއި، ހުޅުމާލެ ސްޕޯޓްސް ކްލަބް އަދި އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބް (އާއި) އެވެ.

މިދިޔަ އަހަރު ގައުމީ ތަށި އުފުލާލީ ސިފައިންނެވެ. ފައިނަލުގައި ސިފައިން ކުރިހޯދީ މޯލްޑިވިއަންގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް