ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 20:21
ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޓޮޓެންހަމް ބަލިކޮށް ސިޓީ އެއްވަނަ އަށް
ސިޓީ އޮތީ 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ޓޮޓެންހަމްއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތިޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށީގެން ހަވަނަ މިނެޓުގައި ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރިޔާދް މަހްރޭޒްއެވެ.

މި ލަނޑަށްފަހުވެސް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މަހްރޭޒް އަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފްގައި ޓޮޓެންހަމް އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ނަތީޖާ ހަމަހަމަ ކުރުމަށްވެސް އެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ފުރަތަމަ ހާފް ނިމުނީ މަހްރޭޒްގެ ލަނޑުން 0-1 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީ އަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް ޑޭވިޑް ސިލްވާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފްގައިވެސް ޓޮޓެންހަމް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ކްރިސްޓިއަން އެރިކްސަން އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ކުޅުނު 10 މެޗުން 26 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ޓޮޓެންހަމް އޮތީ ކުޅުނު 10 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް