ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 20:20
މާޒިޔާ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: މާޒިޔާ އަދި ނިއު އަށް މޮޅެއް
މާޒިޔާ އޮތީ ޕޮއިންޓް ތާވަލުގެ ދެވަނައިގައި
ނިއު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ ނިލަންދޫއާ ވާދަކޮށް 1-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ މާޒިޔާ އިންނެވެ. އެގޮތުން އެޓީމުން ވަނީ ނިލަންދޫގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ހޯދާފައެވެ.

މާޒިޔާ އިން މެޗުގެ ލީޑު ނެގީ 43 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާ އަށް ލީޑު ފުޅާކޮށްދިނީ އިސްމާއިލް އީސާއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ނިލަންދޫގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 46 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަސަދުﷲ އެވެ.

މާޒިޔާގެ ހަތަރުވަނަ ލަނޑު 49 ވަނަ މިނެޓުގައި އަމްދާން އަލީ ކާމިޔާބުކޮށްފައިވާއިރު، ފަސްވަނަ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކުރީ ނާއިޒް ހަސަންއެވެ. މާޒިޔާގެ ހަވަނަ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށް އަސަދުﷲ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގައި ނިލަންދޫގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ލޫކަސްއެވެ.

މި ނަތީޖާއާއެކު މާޒިޔާ އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ނިލަންދޫ އޮތީ ކުޅުނު 12 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

ނިއު އަދި ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުން ނިއު މޮޅުވީ ވިކްޓްރީ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނިއު އިންނެވެ. މި ލަނޑު 45 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިމްރާން ނަޝީދެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވިކްޓްރީގެ މައްޗަށް ނިއު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ނިއު އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރުއެވެ.

ނިއުގެ ތިންވަނަ ލަނޑު 54 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ ކިޕްސަން ކާމިޔާބުކުރިއިރު، އޭގެ މިނެޓެއް ފަހުން ވިކްޓްރީން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދެވެ.

މި ނަތީޖާއާއެކު ނިއު އޮތީ ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ވިކްޓްރީ އޮތީ ކުޅުނު 11 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ.

- ކޮމެންޓް