ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 19:44
ރެއާލްގެ ކޯޗު ލޮޕެޓެގީ
ރެއާލްގެ ކޯޗު ލޮޕެޓެގީ
ޓްވިޓަރ
ރެއާލް މެޑްރިޑް
ރެއާލްގެ ކޯޗުކަމުން ލޮޕެޓެގީ ވަކިކޮށް، ވަގުތީ ކޯޗަކަށް ސޮލާރީ ހަމަޖައްސައިފި
ރެއާލްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ ސޮލާރީ
ކޯޗުކަމުން ލޮޕެޓެގީ ވަކިކުރަން ނިންމީ ރެއާލްގެ ބޯޑުން

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ހުލެން ލޮޕެޓެގީ ވަކިކޮށް، އެޓީމުގެ ވަގުތީ ކޯޗަކަށް ރެއާލް ބީ ޓީމުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ހަމަޖައްސައިފިއެވެ.

ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ ލޮޕެޓެގީ ވަކިކުރަން ނިންމީ ދެ ފަރާތުން ދެއްކި ވާހަކަތަކަށްފަހު ކަމަށާއި، އޭނާ ވަކިކުރަން ނިންމީ ރެއާލްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމަކަށް ފަހު ކަމަށެވެ.

ރެއާލްގެ ކޯޗުކަމަށް ލޮޕެޓެގީ ހަމަޖެއްސީ މި ސީޒަނުގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ރެއާލް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު އެ ކްލަބުގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން ކުއްލިގޮތަކަށް ވަކިވުމުންނެވެ.

ރެއާލުން ލޮޕެޓީގު ގެންނަން އިއުލާންކުރި އިރު އޭނާ ހުރީ ސްޕެއިންގެ ކޯޗުކަމާ ހަވާލުވެ، އެޓީމާއެކު ވޯލްޑް ކަޕަށް ދިޔުމުގެ މަގުމަތީގައެވެ. އެގޮތުން އެކަމާ ހިތްހަމަނުޖެހިގެން ސްޕެއިނުން ވަނީ އެޓީމުގެ ކޯޗުކަމުގެ މަގާމުން ލޮޕެޓެގީ ވަކިކޮށްފައެވެ.

ހަތަރު މަހާއި ބައިގެ މުއްދަތަކަށް ރެއާލްގެ ކޯޗުކަމުގައި ލޮޕެޓެގީ ހުރިއިރު، އޭނާ އަށް ވަނީ ފަސް މަސް ތެރޭގައި ބޮޑު ދެ ޓީމުގެ ވަޒީފާ ލިބި އަދި އެ ވަޒީފާ ގެއްލިފައެވެ.

އުމުރުން 52 އަހަރުގެ ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ރެއާލް އެންމެ ފަހުން ކުޅުނީ މިދިޔަ އާދީއްތަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށެވެ. އެ މެޗުން 1-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން ލޮޕެޓެގީ އަށް އަމާޒުވިއެވެ.

ރެއާލް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، ލީގުގައި ކުޅުނު 10 މެޗުން އެޓީމަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. މިއީ ފާއިތުވެދިޔަ 17 އަހަރު ތެރޭގައި ރެއާލުން ސީޒަން އެންމެ ދަށްކޮށް ފެށި ފުރަތަމަ ފަހަރެވެ.

ރެއާލުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ސޮލާރީ މީގެ ކުރިން ހުރީ ރެއާލުގެ ބީ ޓީމު ކަމަށްވާ ކަސްޓީއާގެ ކޯޗަކަށެވެ. ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅޭ ފުރަތަމަ މެޗުގައި ސްޕެނިޝް ކަޕްގައި ބުދަ ދުވަހުގެރޭ ނުކުންނާނީ ހަތަރު ވަނަ ޑިވިޝަންގެ ޓީމަކާ ދެކޮޅަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލްގެ ދާއިމީ ކޯޗަކަށް ގެނައުމަށް ހަމަޖެހިފައިވަނީ ޗެލްސީ އަދި ޔުވަންޓަސްގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. އަދި ކޮންޓޭ ގެންނަން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ދާއިމީ ކޯޗަކަށް ސޮލާރީ ބަހައްޓަން ވަނީ ނިންމައިފަކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް