ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 21:13
މެޗުގެ މޮޅު ކުޅުންތެރިޔާ ސިފައިންގެ މުހައްމަދު ވަސީމް
މެޗުގެ މޮޅު ކުޅުންތެރިޔާ ސިފައިންގެ މުހައްމަދު ވަސީމް
ވީއޭއެމް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް: ޕޮލިސް ބަލިކޮށް ސިފައިން ފައިނަލަށް
ޕޮލިސްގެ މައްޗަށް ސިފައިން ކުރިހޯދީ ތިން ސެޓް ދެ ސެޓުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިޔަށްގެންދާ ގައުމީ ވޯލީބޯޅަ މުބާރާތުގައި ޕޮލިސް ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ސެމީ ފުރަތަމަ މެޗު ޕޮލިސްއާ ވާދަކޮށް ސިފައިން މެޗު ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒް އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް 12-25 އިން ގެންދިޔައީ ޕޮލިސްއެވެ. ދެވަނަ ސެޓް 18-25 އިން ސިފައިން ގެންދިޔައިރު، ތިންވަނަ ސެޓް 19-25 އިން ގެންދިޔައީ ޕޮލިސްއެވެ. ހަތަރުވަނަ ސެޓް 22-25 އިން ސިފައިން ގެންގޮސްފައިވާއިރު، ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓް ސިފައިން ކާމިޔާބުކުރީ 12-15 އިންނެވެ.

މި މެޗުން ޕޮލިސް ބަލިވި ނަމަވެސް ތިންވަނަ ސެމީ ކާމިޔާބުކޮށް ޕޮލިހަށް ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. ތިންވަނަ ސެމީން ޖާގަ ހޯދީ ދެވަނަ ސެމީގައި ގުޑީސް ސްޕޯޓްސް ކްލަބް ބަލިކުރި ހުޅުމާލޭ ސްޕޯޓްސްއެވެ.

ހުޅުމާލޭ ސްޕޯޓްސް ތިންވަނަ ސެމީން ޖާގަ ހޯދީ ގުޑީސް ތިން ސެޓް ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް 21-25 އިން ހުޅުމާލެ ގެންދިޔައިރު، ޖެހިގެން އައި ދެ ސެޓް 23-25 އަދި 21-25 އިން ގެންދިޔައީ ގުޑީސްއެވެ.

އެހެންނަމަވެސް ހުޅުމާލެއިން ވަނީ ހަތަރުވަނަ ސެޓް 19-25 އިން ކާމިޔާބުކޮށް، ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓްވެސް ކާމިޔާބުކޮށްފައެވެ. މި ސެޓް ހުޅުމާލެއިން ގެންދިޔައީ 12-15 އިންނެވެ.

ހުޅުމާލެ އަދި ޕޮލިސް ބައްދަލުކުރާ ތިންވަނަ ސެމީ މެޗު އޮތީ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ. ފައިނަލް މެޗު އޮތީ ބުދަ ދުވަހުގެ ރޭ 20:30 ގައެވެ.

މި މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަކަށް ޓީމުތައް ވަނީ ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި، ގުޑީސް ސްޕޯޓްސް ކްލަބް އަދި މަލްސަން ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބާއި، ހުޅުމާލެ ސްޕޯޓްސް ކްލަބް އަދި އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބް (އާއި) އެވެ.

- ކޮމެންޓް