ދިރާގު ދިވެހި ލީގުގައި ގްރީން ސްޓްރީޓްސް ކޮޅަށް ކްލަބް އީގަލްސް އިން ހަތް ލަނޑު ޖަހައިފިއެވެ.
ހޯމަ ދުވަހު ހަވީރު ކުޅުނު މެޗު ގްރީންއާ ވާދަކޮށް އީގަލްސް އިން މެޗު ކާމިޔާބުކުރީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިގެން އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ މި ހާފްގައި ތަނަވަސްކޮށްފައެވެ.
އީގަލްސް އިން މެޗުގެ ލީޑު ނެގީ 25 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އޭގެ މިނެޓެއް ފަހުން ރިޒުވާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އީގަލްސް އަށް ލީޑު ފުޅާކޮށްދީފައެވެ.
މި ލަނޑުތަކަށްފަހުވެސް އީގަލްސް އަށް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ގްރީން އަށް ވެސް ވަނީ ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ގްރީންގެ މައްޗަށް އީގަލްސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދެވެ.
އީގަލްސްގެ ހަތަރުވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށް ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އީގަލްސްގެ ފަސްވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު ނާއިމްއެވެ.
އީގަލްސްގެ ހަވަނަ ލަނޑު 87 ވަނަ މިނެޓުގައި ނާއިމް ކާމިޔާބުކުރިއިރު، އިތުރުވަގުތުގެ ތެރޭގައި ރިޒޭ ވަނީ އީގަލްސްގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ރިޒޭ އެވެ.
މި ނަތީޖާއާއެކު އީގަލްސް އިން ވަނީ ކުޅުނު 12 މެޗުން 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ގްރީން އޮތީ ކުޅުނު 12 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.