ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 19:22
ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޗެލްސީ އާއި ޔުނައިޓެޑް މޮޅުވިއިރު، އާސެނަލް އެއްވަރުވެއްޖެ
ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ ދެވަނައިގައި
ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނައިގައި
އާސެނަލް އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައި

ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، އާސެނަލް އެއްވަރުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ބާންލީއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބާންލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 22 ވަނަ މިނެޓުގައި ޗެލްސީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ބާކްލީގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވަރާ މޮރާޓާއެވެ.

މި ލަނޑަށްފަހުވެސް ޗެލްސީން ދިޔައީ ބާންލީގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމުން ވަނީ ފުރަތަމަ ހާފްގައި ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބާންލީގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޗެލްސީންނެވެ. އެގޮތުން 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑޫ އެންގޯލޯ ކަންޓޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކަންޓޭއެވެ.

ޗެލްސީގެ ތިންވަނަ ލަނޑު 63 ވަނަ މިނެޓުގައި ބާކްލީގެ އެހީތެރިކަމާއެކު ވިލިއަން ކާމިޔާބުކޮށްފައިވާއިރު، މެޗުގެ އިތުރުވަގުގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ލޮފްޓަސް ޗީކްއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު 10 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ އެވަޓަންއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެވަޓަންގެ ގޯލަށް ނުރައްކާކޮށް އެޓީމުން ހަމަލާތަކެއްވެސް ވަނީ ފޮނުވާލާފައެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 27 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި އެވަޓަން އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އެވަޓަންގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޕޮގްބާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންތޮނީ މާޝިއާލްއެވެ.

އެވަޓަންގެ ފަރާތުން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ސިގަޑްސަންއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު ވަނީ ކުޅުނު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ. މެޗުން ބަލިވި އެވަޓަން އޮތީ ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ އާސެނަލް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތިޖާއަކުންނެވެ.

ކްރިސްޓަލް ޕެލަސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އާސެނަލް އިންނެވެ. އެގޮތުން އެޓީމުން ވަނީ ޕެލަސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕެލަސް އިންނެވެ. މި ލަނޑު 45 މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މިލޮޖެވިކްއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ޕެލަސް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 52 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރަނިޓް ޒާހާ އެވެ.

މި ލަނޑަށްފަހުވެސް އާސެނަލްގެ ފަރާތުން އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ 56 ވަނަ މިނެޓުގައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮބަމަޔަންގްއެވެ.

ކްރިސްޓަލް ޕެލަސް އިން ނަތީޖާ ހަމަހަމަކުރީ 83 ވަނަ މިނެޓުގައި މިލޮޖެވިކް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑުވެސް އޭނާ ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 10 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. ޕެލަސް އޮތީ ކުޅުނު 10 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް