ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 07:04
ޤާސިމް އިބްރާހީމް، އިންތިހާބާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު
ޤާސިމް އިބްރާހީމް، އިންތިހާބާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު
މުހައްމަދު ޝަރުހާން
ކޯލިޝަން
ކޯލިޝަން ރޫޅާލުމުގެ ގޯސް ތަކުރާރެއް ނުކުރާނަން: ޤާސިމް
މިސްޓޭކް ދެން ތަކުރާރެއް ނުކުރާނަން

ކޯލިޝަން ރޫޅާލުމުގެ ގޯސް އަލުން ތަކުރާރު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ގާސިމް އިބްރާހިމް ވާދަކުރެއްވިއިރު، އެ އިންތިޚާބުގެ ވޯޓަށް ފަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކުރިއަތް އޮތް ތާނގައި އެ ޕާޓީގެ ފަރާތުން ވަރަށް ބޮޑު މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހިފައިވާ ކަމަށާއި ސަރުކާރެއް އުފައްދާފައި އެ ސަރުކާރަކާއެކު ކުރިއަށް ދިއުމުގެ މުހިންމުކަން ދެ ފަހަރުގެ ތަޖުރީބާ އިން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންވެ، ކޯލިޝަން ރޫޅިގެން ދިއުމުގެ  "މިސްޓޭކް" ދެން ތަކުރާރު ނުކުރައްވާނެ ކަމަށް، ރާއްޖޭގައި ހުންނެވި އެންމެ ބޮޑު މަހުޖަނު ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ކުރިއަތް އޮތް ފަސް އަހަރުގެ ދައުރުގައި ކަންތައްތައް އޮމާންކޮށް ގެންދިޔުމަށްޓަކައި އެ ޕާޓީން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެ ޕާޓީއަކީ އެއްވެސް ހަލަބޮލިކަމެއް ގެންނާނެ ޕާޓީއަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކޯލިޝަނަށް ހަލަބޮލިކަމެއް ގެންނަން މަސައްކަތްކުރާ މީހުންނަށް އެ ޖާގަ ނެތް ކަމަށް ވެސް ޤާސިމް ތަކުރާރު ކުރެއްވިއެވެ.

"ސަރުކާރެއް އުފައްދާފައި އަޅުގަނޑުމެން ސަރުކާރާއެކީގައި ކުރިއަށް ދިއުމުގެ މުހިންމުކަން ވޭތުވެދިޔަ ދެ ފަހަރުގެ ތަޖުރީބާ އިން އެނގިއްޖެ. އެ މިސްޓޭކް ދެން ހަދައިގެން ނުވާނޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ އެކީގައި މި ސަރުކާރު 5 އަހަރަށް ސުމޫތްކަމާއެކީ މި ކުރާ ފަހި ދަތުރުގައި ސާބިތުކަމާއެކީ ތިބެންޖެހޭނެ ކަމަށް އަޅުގަނޑު ދަންނަވާލަން. އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަކީ މި ދަތުރުގައި ހަލަބޮލިކަމެއް ގެންނާނެ ބަޔަކަށް ޕާޓީއަކަށް ވެގެންނުވާނެ. އިތުރު ހަލަބޮލިކަމެއް ކޯލިޝަނަށް ގެންނަން އުޅޭ ބަޔަކަށް މާބޮޑު ޖާގައެއް ނެތް" ޤާސިމް ވިދާޅުވިއެވެ.

ވެރިކަން ހޯދުމަކީ ފަސޭހަކަމެއް ކަމަށާއި އެ ވެރިކަން އަމާންކަމާއެކު ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެ ދަތުރުގައި އުނދަގޫ ކަންތައްތައްތަކާއި ދިމާވާނެ ކަމަށާއި އެކަންތައްތައް ކެތްކުރަން ވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ ކުރެއްވި މަސައްކަތުން ޖުމްހޫރީ ޕާޓީއަށް ވަރަށް ގިނަ ބައެއްގެ ތާއީދު ލިބުނު ކަމަށާއި އެކަމަނާއަށް ތައުރީފުގެ ބަސްތައް ހައްޤުކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެ ޕާޓީއަށްޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޤާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރިޔާސީ އިންތިހާބަށް ފަހު ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވާތީ އެކަމަށް ވެސް ވިސްނައިގެން މަސައްކަތް ކުރައްވާނެ ކަމަށާއި އެ ޕާޓީ ވަރުގަދަ ކަމާއެކު މަސައްކަތް ކުރެވޭނެ ބޭފުޅުން ޕާޓީގައި މިހާރު އެބަތިބި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ މަސައްކަތް ކުރާނީ އެކުވެރިކަމުގެ ޖޯޝާ ފޯރީގައި ކަމަށް ޤާސިމްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 އޮކްޓޯބަރ 2018 | ހޯމަ 06:10
އަސްކަނު
އެއްސަމާސާ ދެފަހަރު ކޮށްފި ނަމަ ސަމާސާ ވިހަވެދާނެ