ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 01:32
ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
އެލް ކްލެސިކޯ
އެލް ކްލެސިކޯ: ސުއަރޭޒްގެ ހެޓްރިކާއެކު ބާސާ އިން ރެއާލް ލަދު ގަންނަވާލައިފި
ރެއާލްގެ މައްޗަށް ބާސާ ކުރިހޯދީ 1-5 ގެ ނަތީޖާއަކުން
ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ ނުވަ ވަނަ އަށް ވެއްޓިފައި
ބާސާ އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 21 ޕޮއިންޓާއެކު

އެލްކްލެސިކޯގައި ލުއިސް ސުއަރޭޒްގެ ހެޓްރިކާއެކު ބާސެލޯނާ އިން ރެއާލް މެޑްރިޑް ލަދުގަންނަވާލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ރެއާލްއާ ވާދަކޮށް ބާސާ އިން މެޗު ކާމިޔާބުކޮށްފައިވަނީ 1-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބާސާގެ ދަނޑުގައި އެތައް ހާސް ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބާސާ އިންނެވެ. އެގޮތުން އެޓީމުން ވަނީ ބޯޅަ ކޮންޓްރޯލްކޮށް، ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ބާސާ އިންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯއެވެ. މި ލަނޑަށްފަހުވެސް ބާސާގެ ފަރާތުން ފެނިގެންދިޔައީ އެޓޭކިން ކުޅުމެކެވެ.

ބާސާ އިން ލީޑު ފުޅާކުރީ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާ އަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ފުލުފުލުގައި އެޓީމުން ބާސާގެ ގޯލަށް ނުރައްކާކޮށްފައިވާއިރު، 50 ވަނަ މިނެޓުގައި މާސެލޯ ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މި ލަނޑަށްފަހު ރެއާލްގެ ކަރިމް ބެންޒެމާ އަދި ލޫކާ މޮޑްރިޗަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވެސް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް 75 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ސުއަރޭޒްއެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައި ބާސާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކޮށް ސުއަރޭޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ބާސާގެ ފަސްވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އާޓޫރޯ ވިޑާލްއެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 10 މެޗުން 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ ނުވަ ވަނަ އަށް ވެއްޓިފައެވެ. އެޓީމު އޮތީ ކުޅުނު 10 މެޗުން ލިބުނު 14 ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް