ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 22:47
ޔުވަންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުވަންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ރޮނާލްޑޯގެ ދެ ލަނޑުން އެމްޕޮލީގެ މައްޗަށް ޔުވަންޓަސް ކުރިހޯދައިފި
ޔުވަންޓަސް އޮތީ 28 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި

އިޓާލިއަން ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑުން އެމްޕޮލީގެ މައްޗަށް ޔުވަންޓަސް ކުރިހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެމްޕޮލީއާ ވާދަކޮށް ޔުވަންޓަސް އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

އެމްޕޮލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޔުވަންޓަސްއެވެ. އެގޮތުން އެޓީމުން ވަނީ އެމްޕޮލީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދާފައެވެ.

އެހެން ނަމަވެސް ޔުވަންޓަސް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 28 ވަނަ މިނެޓުގައި އެމްޕޮލީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަޕޫޓޯއެވެ.

މި ލަނޑާއެކު ޔުވަންޓަސް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޔުވަންޓަސްގެ މައްޗަށް އެމްޕޮލީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވަންޓަސް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 54 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރޮނާލްޑޯއެވެ.

ޔުވަންޓަސް އިން މެޗުގެ ލީޑު ނެގީ 70 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ޔުވަންޓަސް އަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު 10 މެޗުން ލިބުނު 28 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެމްޕޮލީ އޮތީ ކުޅުނު 10 މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެޓަލާންޓާ އިން ވަނީ 0-3 ގެ ނަތީޖާއިން ޕާމާގެ މައްޗަށް ކުރިހޯދާފައެވެ. އަދި ޓޮރީނޯ އަދި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

- ކޮމެންޓް